English Edition
Dhivehi Edition

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީއަށް ސުޕަރ މެޖޯރިޓީ ހޯދުމަކީ އުންމީދެއް ކަމުގައި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރުމުގައި ޕީޕީއެމް، ޕީއެންސީ ކޯލިޝަނާއެކު، ރައްޔިތުން ކުރިއަށްދިއުމަށް ބޭނުންވެފައި ތިބި މަންޒަރު ކަމަށެވެ.

އެހެންކަމުން މަޖިލިސް އިންތިހާބުގައި ވެސް މި މަންޒަރު ފެންނާނެ ކަމަށް އުންމީދުކުރައްވާކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤްތިސާދު ރަނގަޅުކުރުމާއި، ޚާރިޖީ ސިޔާސަތު ހަމަމަގަށް އެޅުވުން ފަދަ މުހިންމު ކަންކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ ވަރަށް މުހިންމު ދައުރެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އައު ސަރުކާރަށް ކަންކަން ބާރު ސްޕީޑްގައި ކުރިއަށްގެންދެވޭނީ މެޖޯރިޓީ ލިބިގެން ކަމަށާއި އަލަށް އިންތިޚާބުވާ މަޖިލީހުން 60 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކުރުމަށް އަމާޒުކުރައްވާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އަންނަ އަހަރު އޮންނަ މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.

ހިނގަމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ މެއި މަހަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

1 ކޮމެންޓް
ދޮހިކަރު
އޮކްޓޯބަރު 13, 2023
Dhen hurihaa rashakun masthuvaa thakechchaa gulhun huri meehun nere majilis furaala emeehun eki