އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް އެކުލަވާލާއިރު ވަކި މީހަކު ފޮނުވާ ލިސްޓަކަށް ބަލަން ނުޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިއަދު އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އަބްދުއް ރަހީމް ވިދާޅުވީ ކެބިނެޓް އެކުލަވާލުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒިންމާއެއް ކަމަށެވެ. އަދި ހުވާކުރައްވަން މަސް ދުވަސް އޮތްއިރު މާކުރިން ކެބިނެޓަށް ގެންނާނެ ބޭފުޅުން އިއުލާން ކުރައްވާނެހެން ހީނުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
” އަޅުގަނޑަކަށް މިތާ ހުރެ ދަންނަވާކަށް ނުކުރޭނެ، ދަންނަވާކަށް ބޭނުމެއް ވެސް ނޫން ރައީސް ޔާމީންގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާނީ މިތައް ވަޒީރުން، ރައީސް މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާނެ އޭ. ނޫނީ އަލަށް ހިމެނި ވަޑައިގަންނަވާނީ މިތައް ބޭފުޅުންނެކޭ” އަދުރޭ ވިދާޅުވިއެވެ.
އިތުރަށް އަދުރޭ ވިދާޅުވީ މުއިއްޒުގެ ކެބިނެޓްގައި ތިއްބަވާނީ އެމަނިކުފާނު ބޭނުންފުޅުވާ ވަރަށް މަސައްކަތް ކުރުމުގެ ގާބިލުކަމާއި ހުނަރުވެރިކަމާއި އަދި ހިތްވަރުވެސް ހުރި ބޭފުޅުންކަމަށެވެ. ކެބިނެޓަށް ވަކި ބަޔަކު އައްޔަނުކުރަން ރައީސް ޔާމީން ލިސްޓެއް ހަދާފައި ފޮނުއްވި ކަމެއް އެނގެން އަދި ނެތް ކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ އަދި އެއަށް ވަކި އެއްޗެއް މުއިއްޒު ވިދާޅުވި ކަންވެސް އެނގިފައި ނުވާ ކަމަށެވެ.