English Edition
Dhivehi Edition
ފަޒްނާ އަޙްމަދު އާއި ސާޖިދާ މުހައްމަދު ބައްދަލުކުރެއްވުން ފޮޓޯ:ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަބަލުން ސާޖިދާ މުޙައްމަދާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު، މުލީއާގޭގައެވެ.

މި ބައްދަލުކުރެއްވުމުގައި ފަސްޓްލޭޑި ފަޒްނާ އަޙްމަދު ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބުކުރެއްވުމާއި ގުޅިގެން ތަހުނިޔާ ވިދާޅުވެފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވެރިކަމުގެ މި ދައުރުގައި އެކަމަނާގެ ތަޖުރިބާ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުނާ ޙިއްޞާ ކުރައްވައި، އެއްވެސް ކަމަކަށް އެހީތެރިކަން ބޭނުންފުޅުވާނަމަ އެކަމަކަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން އެކަމަނާ ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ކުރައްވަންޖެހޭ ކަންކަން، ވީހާވެސް އޮމާންކަމާއެކު ގެންދެވުމަށް އެކަމަނާގެ ފަރާތުން ކުރައްވަންޖެހޭ މަސައްކަތްޕުޅުތައް ކުރެއްވުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެކަނބަލުންވެސް ވަނީ އިޖުތިމާޢީ ކަންކަން ކުރެއްވުމަށް ޝައުޤުވެރިކަންހުރިކަން ފާޅުކުރައްވާފައެވެ. އަދި އިޖުތިމާޢީ ބައެއް މައްސަލަތަކާއި އެކަންކަން ޙައްލުކުރަން އިތުރަށް މަސައްކަތްޕުޅު ކުރައްވަންޖެހޭކަން ދެބޭފުޅުންވެސް ފާހަގަކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެކަނބަލުންވެސް ވަނީ ކާމިޔާބު ދުވަސްތަކަކަށް އެދިވަޑައިގަންނަވާފައެވެ.