English Edition
Dhivehi Edition
ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ރައީސްކަމުގެ މަގާމުން ވަކި ކުރުމަށް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ޕާލަމެންޓް ގްރޫޕްގައި ބޭއްވި ބައްދަލުވުމެއްގައިވަނީ އެ ގްރޫޕްގެ އިއްތިފާގުން ނަޝީދުގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައެވެ. އެއާއެކު 48 މެންބަރުންގެ ސޮޔާއެކު ރޭވަނީ ނަޝީދު ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައެވެ.

އެމްޑީޕީން މަޖިލިހަށް ހުށަހެޅި ގަރާރުގައި ވަނީ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމަށް ކަންކަން ގެނައުމުގައި ނަޝީދުގެ އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ފަރާތަކަށް ބުރަވެ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންކަން ނިންމަމުންދާ ކަމަށް ބުނެފައެވެ. މަޖިލީހުގެ ނިޒާމު ހިފެހެއްޓުމުގެ ބަދަލުގައި މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ނަޝީދު ވާގިވެރިވަމުން ގެންދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތު ކޮށްފައިވެއެވެ.

އަދި ރައްޔިތުންގެ މަޖިލިސް އެތައް ދުވަހެއް ވަންދެން ހުއްޓުވާފައި ބޭއްވުމަށް ފަހު، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޕާޓީއާއި އަދި އެ މަނިކުފާނުގެ މަސްލަހަތު އޮތް މައްސަލަތަކެއް މަޖިލީހަށް ތާވަލު ކުރުމަށް ފަހު އެ މައްސަލަ ކުރިއަށް ގެންދިއުމަށް ޖަލްސާތައް ބާއްވާފައިވާ ކަމަށް އެ ގަރާރުގައި ފާހަގަ ކޮށްފައިވެއެވެ.

“އިސްވެ ބަޔާންކުރެވުނު ކަންކަމާއި ސަބަބުތައް އެހެން ހުރުމުން، ރައީސް މުހައްމަދު ނަޝީދަށް ކުރަމުން އައި އިތުބާރު ގެއްލިއްޖެ ކަމަށް އަހުރެމެންނަށް ފެންނަ ހިނދު، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް އަހަރެމެން ސޮއި ހުށަހަޅަމެވެ،” ގަރާރުގައިވެއެވެ.

މިއީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހަޅާ ދެވަނަ ފަހަރެވެ.

މަޖިލިހުގެ ރައީސް ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށްޓަކައި މިދިޔަ ޖޫން މަހު 54 މެމްބަރުންގެ ސޮޔާއެކު ވެސް މަޖިލިހަށް ހުށަހެޅިއެވެ. އެކަމަކު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ނަގައިފައެވެ.

މަޖިލީހުގެ ރައީސް މަގާމުން ދުރު ކުރެވޭނީ އިތުބާރު ނެތްކަމުގެ ވޯޓުގައި މަދުވެގެން 45 މެންބަރުން ވޯޓުދީފިނަމައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގަތް ނާކާމިޔާބަށްފަހު ނަޝީދު ވަނީ އެޕާޓީއާއި ފެއަށް ޖެހި ދަ ޑިމޮންރޭޓްސް ގެ ނަމުގައި އާޕާޓީއަށް އުފައްދަވައި އެޕާޓީއާއި ގުޅިވަޑައިގެންފައެވެ. އެ ޕާޓީން ރިޔާސީ އިންތިހާބުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ނުކުންނަވައި، 15،000 އަށް ވުރެ ގިނަ ވޯޓު ހޯދާފައިވެއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި ޑިމޮކްރަޓްސް އިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމި ނަމަވެސް އެޕާޓީގެ ބައެއް މެމްބަރުން ވަނީ މިހާރުގެ އިންތިޚާބީ ރައީސް ޑޮކްޓަރ މުޢިއްޒުތަށް ތާއީދު ކޮށްފައެވެ.