English Edition
Dhivehi Edition

ސައުދީ ކުލަބް އަލް-ނަޞްރުގެ ސްޕޯޓިންގ ޑައިރެކްޓަރުގެ މަޤާމަށް އިޓަލީގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް އަލެސަންދްރޯ ޑެލްޕިއޭރޯ ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަކަމަށް ސައުދީ އަރަބިއާގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޔޫރަޕްގެ އެންމެ މަތީ ކޯޗިން ސެޓްފިކެޓް ކަމަށްވާ ޔޫއެފާ ޕްރޯ ލައިސަންސް ކޯހެއް މިވަގުތު ފުރިހަމަ ކުރަމުން އަންނަ ޑެލްޕިއޭރޯ ވެސް ވަނީ އަލް-ނަޞްރުގެ ސްޕޯޓިންގ ޑައިރެކްޓަރުގެ މަޤާމަށް ޝައުޤުވެރިވާކަން ހާމަކޮށްފައެވެ.

ޑެކް ޕިއޭރޯ އަލް ނަޞްރުގެ ސްޕޯޓިންގ ޑައިރެކޖްޓަރުގެ މަޤާމަށް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް ސައުދީގެ މީޑިއާ ރިޕޯޓުތައް ބުމަނުން އަންނައިރު، އެ ކުލަބުގެ ޗީފް އެގްޒެކެޓިން އޮފިސަރ (ސީއީއޯ) ގެ މަޤާމަށް ރޯމާގެ ކުރީގެ ކުޅުންތެރިޔާ ގުއިޑިއޯ ފިއެންގާ ހަމަޖެއްސީ ނިމިގެން ދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގައެވެ. ރިޕޯޓުތައް ބުނާ ގޮތުން ޑެލް ޕިއޭރޯ އެ މަޤާމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީވެސް ގުއިޑިއޯ ފިއެންގާއެވެ.

ސައުދީ އަރަބިއްޔާއިން އަންނަނީ އެ ގައުމުގެ ފުޓްބޯޅަ ވަރުގަދަކުރުމަށް، އެ ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށް ކުރިއެރުންތައް ހޯދުމަށް ގިނަ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޔޫރަޕުގެ މަޝްޙޫރު ކުޅުންތެރިން އެގަމުގެ ފުޓްބޯޅަ ލީގަށް ގެނައުން ހިމެނެއެވެ. ސައުދީ ލީގަކީ މިވަގުތު މުޅި ދުނިޔޭގައި ނަން މަޝްހޫރު ލީގަކަށް ވެފައިވާއިރު، އެ ލީގުގައި ދުނިޔޭގެ މަޝްޙޫރު ކުޅުންތެރިންވެސް އަންނަނީ ކުޅެމުންނެވެ. އެގޮތުން ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ނޭމާ ފަދަކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

ސައުދީ އަރަބިއާއިން މިހާރު ވަނީ ދުނިޔޭގެ އެންމެ ކުލަގަދަ ކުޅިވަރު އީދު ކަމަށްވާ ފީފާ ވޯލްޑްކަޕް 2034 ވަނަ އަހަރު އެ ގައުމުގައި ބާއްވަން ބިޑްކުރަން ވެސް ނިންމާފައެވެ.