English Edition
Dhivehi Edition

ޗައިނާކުންފުންޏަކުން ރާއްޖޭގައި އެޅި 1،500 ހައުސިން ޔުނިޓް، ދިވެހި ސަރުކާރާއި މިއަދު ހަވާލުކޮށްފި އެވެ.

ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އިން ރާއްޖޭގައި އެޅި މި ފްލެޓްތައް ޗައިނާގެ ފަރާތުން ހަވާލު ކުރެއްވީ ސީއެމްއެސީ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ލިއު ޝައުޑާ އެވެ. އަދި ސަރުކާރުގެ ފަރާތުން މި ފްލެޓްތަކާ ހަވާލުވެވަޑައިގަތީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ރާއްޖޭގެ އިތުރު ހަތް ރަށެއްގައި ސީއެމްއީސީން އެޅި މި ފްލެޓް ލިބުނު މީހުންގެ ހާޒިރުގައި މިއަދު ކުރިއަށް ދިޔަ އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ މިއަދު ހަގީގަތަކަށް ވެގެން މިދަނީ އެތައް ހާސް ދިވެހި ރައްޔިތުންގެ އުންމީދު ކަމަށާއި ބޯހިޔާވަހިކަމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި އެންމެ އިސްކަމެއްދީފައިވާ ވައުދު ކަމަށެވެ.

ޗައިނާއިން އެ ފްލެޓްތައް އަޅާފައިވަނީ ހުޅުމާލެ، ސ. ހިތަދޫ، ސ. ހުޅުމީދޫ، ފުވައްމުލައް ސިޓީ، ގއ. ވިލިނގިލި، ގދ. ގައްދޫ، ގދ. ތިނަދޫ، ގދ. މަޑަވެލި އަދި އެ އަތޮޅު ހޯޑެއްދޫގަ އެވެ. އެގޮތުން ހުޅުމާލޭގައި 704 ހައުސިން ޔުނިޓް، ސ. ހިތަދޫގައި 264 ހައުސިން ޔުނިޓް، ހުޅުމީދޫގައި 48 ހައުސިން ޔުނިޓް، ޏ. ފުވައްމުލަކުގައި 200 ހައުސިން ޔުނިޓް، ގއ. ވިލިނގިލީގައި 52 ހައުސިން ޔުނިޓް، ގދ. ގައްދޫގައި 50 ހައުސިން ޔުނިޓް، ގދ. ތިނަދޫގައި 120 ހައުސިން ޔުނިޓް، ގދ. މަޑަވެލީގައި 22 ހައުސިން ޔުނިޓް އަދި ގދ. ހޯޑެއްދޫގައި 40 ހައުސިން ޔުނިޓް ވަނީ އަޅައިފަ އެވެ.