އެފްއޭ ކަޕް ސެމީ ފައިނަލްގައި ރޭ ކުލަބް ގްރީން ސްޓްރީޓް އާއި ނިއުރެޑިއަންޓް ސްޕޯޓްސް ބައްދަލުކުރިމެޗު ކާމިޔާބުކޮށް ނިއުރެޑިއަންޓް އެފްއޭ ކަޕްގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ނިއުރެޑިއެންޓާއި ގްރީންސްޓްރީޓް ބައްދަލުކުރި މެޗު 4-0 ލަނޑުން ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދާފައިވާ އިރު ނިއު އާއި ފައިނަލްގައި ބައްދަލުކުރާނީ އެފްއޭކަޕް ފުރަތަމަ ސެމީފައިނަލްގައި މާޒިޔާ ސްޕޯޓްސް 2-0 ލަނޑުން ބަލިކުރި ޓީސީ ސްޕޯޓްސް ކުލަބާއިއެވެ.
ރޭގެ މެޗުގައި ނިއުރެޑިއެންޓް ސްޕޯޓްސް ކާމިޔާބު ކުރި ހަތަރު ލަނޑުގެ ތެރެއިން 1 ލަނޑު ހަމްޒާ މުހައްމަދު ކާމިޔާބު ކޮށްދީފައިވާއިރު ނިއުގެ އަނެއް ތިން ލަނޑު ކާމިޔާބުކޮށްދީފައިވަނީ ސަސްޕެންޝަންގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށް ފަހު ރޭގެ މެޗުގައި ކުޅެން ނިކުތް އަލީ ފާސިރު(ސެންޓޭ) ކާމިޔާބު ކުރި ތިން ލަނޑުންނެވެ.
ރޭގެ މެޗު ކާމިޔާބުކޮށް ނިއު ފައިނަލަށް ދަތުރު ކުރުމާއި އެކު ޓީސީއަށް ވަނީ އަންނަ އަހަރު އޮންނަ އޭފްސީ ޗެލެންޖް ކަޕް ކޮލިފިކޭޝަންގެ ޕްލޭއޮފް ޖާގައެއް ކަށަވަރުވެފައެވެ.
ޓީސީ ސްޕޯޓްސްއަށް އަންނަ އަހަރު އޮންނަ އޭފްސީ ޗެލެންޖް ކަޕުން ޖާގައެއް ކަށަވަރުވެފައިވަނީ ޕްރިމިއަ ލީގުގެ ޗެމްޕިއަން ޓީމްގެ ހައިސީޔަތުން ނިއުރެޑިއެންޓްއަށް އޭފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ލިބިފައިވުމާއި އެކު އެފްއޭ ކަޕްގެ ފައިނަލުގައި ނިއު އާއި ވާދަ ކުރާ ކޮންމެ ޓީމަކަށް އެފުރުސަތު ހުޅުވިފައިވުމާއި އެކު ނިއު އާއި ފައިނަލްގައި ބައްދަލު ކުރާ ޓީމަކީ ޓީސީ ކަމަށް ވުމުންނެވެ.