ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި އެމްޑީޕީ ތަމްސީލުކުރައްވާނޭ މެންބަރުންގެ ނަންތައް ފޮނުވާފައި ނުވާތީ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ނުދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި އެމްޑީޕީ ތަމްސީލުކުރައްވާނޭ މެންބަރުންގެ ނަންތައް އަދިވެސް ފޮނުވާފައި ނުވާކަމަށެވެ. އެހެންކަމުން ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުގެ މެންބަރުން އެކުލެވިގެންވާގޮތް ފާސްކުރެވިފައިވާ ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާތަނަށް ކޮމިޓީތަކުގައި ތަމްސީލު ކުރާނެ މެންބަރުންގެ ނަންތައް ފޮނުވާފައިވަނީ ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުންކަމަށެވެ.
އެމްޑީޕީގެ ފަރާތުން ކޮމިޓީ ތަމްސީލުކުރައްވާނެ މެންބަރުންގެ ނަންތައް ވީހާވެސް އަވަހަށް ހުށަހެޅުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.