English Edition
Dhivehi Edition

ރިޔާސީ އިންތިޚާބު 2023 ކާމިޔާބުކުރެއްވި ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މަރުޙަބާ ދަންނަވައިފިއެވެ.

ރައީސް ކުރެއްވި ޓުވީޓެއްގައި ވަނީ މި އިންތިޚާބުގައި ރައްޔިތުން ދެއްކި ޑިމޮކްރެޓިކް ރީތި ނަމޫނާއަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ.

“އެކުގައި މަސައްކަތްކުރި އެމްޑީޕީ އާއި އޭޕީގެ މެމްބަރުން އަދި އަޅުގަނޑަށް ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން،” ރައީސް ވިދާޅުވިއެވެ.

ރައީސް ޞޯލިޙް ގެ އިތުރުން، ނައިބު ފައިޞަލް ނަސީމްވެސް ވަނީ ރިޔާސީ އިންތިޚާބު ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބުކުރައްވާފައިވާތީ، އެމަނިކުފާނަށް މަރުޚަބާ ދަންނަވާފައެވެ. އަދި ޑރ. މުޢިއްޒާއި އެމަނިކުފާނުގެ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް %50 އަށްވުރެ މަތިން ވޯޓު ނުލިބުމުން ރައީސްއަކު ކަނޑައެޅުމަށްޓަކައި ހޮނިހިރު ދުވަހު ވަނީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޮޑުތަނުން އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. އެގޮތުން ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓަށް ލިބިވަޑައިގެންނެވީ 126586 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ %54.05 އެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ލިބިވަޑައިގެންނެވީ 107611 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ %45.95 އެވެ.