މިފަހަރުގެ ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ އިންތިޚާބުކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.
އީސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ މިފަހަރުގެ އިންތިޚާބަކީ އެކި ގޮތްގޮތުން ޚާއްސަ އިންތިޚާބެއްކަމަށެވެ.
“މިއަދު ބޭއްވިގެން މިދިޔައީ ވަރަށް ފުރިހަމަ އިންތިޚާބެއް. ދުނިޔޭގެ ކޮންމެ ބަޔަކަށްވެސް ނަމޫނާ އަކަށް ނެގޭނެފަދަ އިންތިޚާބެއް. ކުރިން އަބަދުވެސް ދައްކަނީ މިތަނުގައި އޮންނަ ސިސްޓަމްގެ ފުރިހަމަކަމުގެ ވާހަކަ. ނަމަވެސް މިއަދު ރައްޔިތުންމިވަނީ ދައްކައިދީފައި އިންތިޚާބު އެއްކޮށްވެސް ފުރިހަމަ އިންތިޚާބެއްކަން” ފުއާދު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނަވަރުގެ ކަމެއް އެ ކޮމިޝަންގެ ޝަކުވާ ބިއުރޯއަށް ހުށަަހަޅާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ލ. ފޮނަދޫއާއި އަދި ގދ. ވާދޫގައި ކުޑަވަރެއްގެ ހަމަނުޖެހުމެއް ހިނގައި ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފޮނަދޫގެ ފޮއްޓެއްގައި ދޫކުރި ވޯޓު ކަރުދާސްތަކުގައި އިތުރު މާކެއް ހުރި ކަމަށާއި އަދި ފަހުން ނުލާ ހުރި ވޯޓު ކަރުދާސްތަކުގެ ތެރެއިން ވެސް ތިން ކަރުދާހެއްގައި އެފަދަ ފާހަގައެއް ހުރި ކަމަށް ވިދާޅުވިއެވެ.
ޙަބީބް ވިދާޅުވީ، އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަފަދަ ކަމެއް ފާހަގަވެފައި ނުވާކަމަށެވެ. އިންތިޚާބާއި ގުޅިގެން މިހާތަނަށް ހުށައާޅާފައިވަނީ 30 މައްސަލަކަމަށް އިލެކްޝަނުން ވިދާޅުވެއެވެ. އެގޮތުން މާލެއިންވެސް 15 މައްސަލަ އަދި އަތޮޅުތަކުގައި ހުރި ކޮމްޕްލަޔަންސް ބިއުރޯއަށް ހުށައަޅާފައިވާ 15 މައްސަލައެވެ.
ހެނދުނު 0800 އިން ފެށިގެން ހަވީރު 1700 އާއި ހަމައަށް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައީ އަމާން އޮމާންކަމާއެކުގައެވެ. އަދި އިންތިޚާބާއި ގުޅޭ ބައެއް މައްސަލަތަކެއް ފާހަގަވިނަމަވެސް ނަތީޖާއަށް ބަދަލު އަންނަ ފަދަ ކަމެއް ފާހަގަނުވާކަން އިލެކްޝަނުން ފާހަގަކުރައްވައެވެ.