އިންޑިއާ އާއި ޗައިނާ އިން އިންތިޚާބީ ރައީސް ޑރ. މުއިއްޒު އަށް މަރުޙަބާ ދަންނަވައިފިއެވެ.
މަރުހަބާ ދަންނަވައި އިންޑިއާގެ ބޮޑުވަޒީރު ނަރިންދުރަ މޯދީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ބަދަހި ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގައި ދެމި އޮންނާނެ ކަމަށެވެ.
ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާން ލިޖިން ވަނީ ޑރ. މުޢިއްޒަށް ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓުވީޓުގައި ހޫނު މަރުޙަބާއެއް ވަނީ ދަންނަވާފައެވެ.
ޗައިނާއަކީ ރާއްޖޭގެ ޢުމްރާނީ، އިޤްތިޞާދީ، އަދި އިޖްތިމާޢީ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މި ދާއިރާތަކުން ޗައިނާއިން ކުރިއަށް އިތް ތަނުގައި ވެސް ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން %54.04 ވޯޓާއެކު އިންތިޚާބު ކާމިޔާބުކުރެއްވީ ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. ރާއްޖޭގެ ދެ އަތޮޅު ފިޔަވާ އެހެން ހުރިހާ އަތޮޅަކުން އަޣުލަބިއްޔަތު ނަންގަވާފައިވަނީ ވެސް ޑރ. މުޢިއްޒެވެ.