English Edition
Dhivehi Edition

މިވަގުތަކީ ދިވެހި އެންމެހާ ރައްޔިތުން އެއްބައިވަންތަކަން އިސްކޮށް ޤައުމުގެ ހަމަޖެހުމަށް މަސައްކަތް ކުރަންވީ ވަގުތުކަމަށް ވިދާޅުވެ ހަމަޖެހުން ގެއްލޭފަދަ އެއްވެސް ކަމަކަށް ހިތްވަރު ނުދިނުމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކާމިޔާބީއަށްފަހު ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަން ވެގެންދާނީ އަމާން، އިޚުލާސްތެރި، ތެދުވެރި ވެރިކަމެއް ރައްޔިތުންނަށް ހޯދައިދީ، ދިވެހިންނަށް ދިވެހިންގެ ރާއްޖެ ޔަގީން ކޮށްދޭނެ ވެރިކަމަކަށްކަމަށެވެ.

“އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭން އަޅުގަނޑު އެދެން، މި ހަމަޖެހުން ގެއްލުވާލުމަށް، އުޅޭނެ އެކި ފަރާތްތައް އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުން އުފައްދާ އަޅުގަނޑުމެންގެ ތެރެގައި މަސްހަލަތު ގެއްލުވާލާ ގައުމުގެ ކުރިމަގު ބަނަ ކުރުމަށް.” އިންތިޚާބީ ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

ޑރ.މުހައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އެއްވެސް ރައްޔިތަކުން ތަފާތު ނުކުރައްވާނެކަމަށް ވިދާޅުވާ ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ. ކޮންމެ ރައްޔިތަކީވެސް ހަމަހަމަ މީހެއްކަމަށާއި، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ތަފާތުކުރުން ނުގެންގުޅޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ޑރ.މުޢިއްޒު ވަނީ ރައްޔިތުން އެމަނިކުފާނާ ހަވާލުކުރެއްވި މަތިވެރި އާމާނާތާއި، ޒިންމާ އަދާކުރަން ފުރުޞަތު ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ. ޑރ.މުޢިއްޒު ވިދާޅުވީ ވެރިކަން ބަދަލުވާ މަރުޙަލާގައި ޤާނުނީ ހަމަތަކުގެ މަތިން، 17 ނޮވެމްބަރުއާއި ހަމައަށް އެކަމުގެ މަސައްކަތްތައް ފުރިހަމައަށް ކުރައްވާނެކަމަށެވެ. އަދި މި މަސައްކަތްތައް ވަރަށް ބާރު ސްޕީޑްގައި ފަށައިގަންނަވާނެކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

އިންތިޚާބީ ރައީސްގެ މި ބައްދަލުކުރެއްވުމުގައި ވަނީ، ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޤާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. ޑރ.މުޢިއްޒު ވިދާޅުވީ، މިއީ ޤައުމުގެ މަސްލަހަތައްޓަކައި މިވަގުތަށް އެންމެ ރަނގަޅު ގޮތްކަމަށެވެ.