ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އޮކްޓޯބަރ 8 ގައި އިޢުލާން ކުރުމަށް މަސައްކަތް ކުރަަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ، މިމަހުގެ 8 ވަނަ ދުވަހުގެ ކުރިން އިޢުލާންކުރައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ވަގުތީ ނަތީޖާ އާއި ޖުމްލަ ނަތީޖާ އިޢުލާންކޮށް މިހާރު ނިމިފައިވާ ކަމަށާއި މިހާރު މަސައްކަތް ކުރަމުންދަނީ އެންމެލަސްވެގެން މިމަހު 8 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން ރަސްމީ ނަތީޖާ އިޢުލާނު ކުރުމަށް ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު، ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ ޕީއެންސީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ޖުމްލަ ނަތީޖާގައިވާ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި މުއިއްޒަށް 129159 ވޯޓު ލިބިވަޑައިގެންނެވިއިރު، އެއީ ވޯޓުލީ މީހުންގެ %54.04 އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 109868 ވޯޓެވެ. އެއީ %45.96 އެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިމިދިޔަ ސެޕްޓެމްބަރ މަހުގެ 9 ގައި ބޭއްވިއިރު، ޖުމްލަ 8 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. ނަމަވެސް އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ އިތުރަށް ވޯޓު ލިބިވަޑާއިގެންފައި ނުވާތީ، ދެވަނަ ބުރުގެ ވޯޓުލުން ބޭއްވި ސެޕްޓެމްބަރ 30 ވީ ހޮނިހިރު ދުވަހުއެވެ. އެ ބުރުގައި ވާދަކުރެއްވީ ފުރަތަމަ ބުރުން އެންމެގިނަ ވޯޓު ހޯއްދެވި ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީ އިން ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.
މި އިންތިޚާބު މުޢިއްޒު ކާމިޔާބުކުރެއްވީ 19291 ވޯޓުގެ ތަފާތަކުންނެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ލުމުގެ ޙައްގު ލިބުނު 282804 މީހުގެ ތެރެއިން 246915 މީހުން ވަނީ ވޯޓު ލާފައެވެ. ވޯޓު ލުމުގެ ޙައްގު ލިބިގެންވާ %87.31 މީހުންވަނީ ވޯޓުލުމުގެ ޙައްގު ފުރިހަމަކޮށްފައެވެ.