English Edition
Dhivehi Edition

ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސަކު އިންތިޚާބު ކުރުމަށް ބޭއްވި އިންތިޚާބުގައި ރައީސް ކަމުގެ މަގާމު، މާލޭގެ މޭޔަރު އަދި ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަށަވަރު ކުރައްވައިފި އެވެ.

ދެވަނަ ބުރުގެ ވޯޓުލުމުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މިހާތަނަށް ގުނުނު 484 ފޮށިން މުއިއްޒަށް ވަނީ 53 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ. އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 46 އިންސައްތައެވެ.

މިހާރު ނަތީޖާ ލިބިފައިވާ ފޮށިތަކުގެ ނަތީޖާއިން ވެރިކަމުގައި ހުންނެވި ރައީސް ޞާލިޙަށް ވުރެ މުއިއްޒު އުޅުއްވަނީ 14،000 ވޯޓު ކުރީގައެވެ.

މިއަދު ބޭއްވި އިންތިޚާބުގެ ދެވަނަ ބުރުގައި 282،804 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެއެވެ. އޭގެ ތެރެއިން 86 އިންސައްތައަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލާން ނުކުމެފައެވެ.

މި މަހު ނުވައެއްގައި ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އޭނާއަށް ފުރަތަމަ ބުރުގައި 110،000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. އަދި، އޭގެ ފަހުން ދެވަނަ ބުރުގައި އެމްއެންޕީންނާއި ފުރަތަމަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއީދު ކުރެއްވި އެމްޑީއޭއިން ވެސް ވަނީ މުއިއްޒަށް ތާއީދު ކުރަން ނިންމައިފައެވެ.