ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ތާރީޚީ އިންތިޚާބުގެ ވޯޓުލުން ނިމި ނަތީޖާއަށް ރައްޔިތުން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަން ފަށައިފިއެވެ.
ގިނަ ރިޔާސީ ކެންޑިޑޭޓުން ތަކެއްގެ ތެރެއިން ފުރަތަމަ ބުރު ކާމިޔާބު ކޮށް ދެވަނަ ބުރު ކަށަވަރުކޮށް ރާއްޖޭގެ ބޮޑު ދެ ސިޔާސީ ޕާޓީން ވާދަކުރާއިރު ކޮންމެ ޕާޓީއަކުން ވެސް ބުނަމުން ދަނީ އިންތިޚާބު ކާމިޔާބު ކުރާނީ އެޕާޓީ އަކުން ކަމެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ދެވަނަ ބުރު ފެށީ މިއަދު ހެނދުނު 8:00 ގައެވެ. ހަވީރު 5:00 ޖަހަންދެން ވޯޓު ލުން ކުރިއަށް ގެންގޮސްފައިވާއިރު ވޯޓުލެއްވެވުމަށްފަހު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ވީހާވެސް ހެނދުނަކާއި ވަޑައިގެން، ކޮންމެ މީހަކަށްވެސް ލިބިފައިވާ ގާނޫނީ ބޭނުން ހައްގު ބޭނުން ކުރައްވާ ވޯޓު ލެއްވުމަށް އެދިވަޑައިގެންފައެވެ.
ހަމަ އެއާއެކު ވޯޓުލެއްވުމަށް ފަހު މީޑިއާއާ ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެމަނިކުފާނަށް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އެމްޑީޕީން މި އިންތިޚާބުގައި މިހާތަނަށް ވެސް އަދި އެއްވެސް އިންތިޚާބެއްގައި ވެސް ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 282،804 މީހަކަށް ވޯޓުލުމުގެ ހައްޤު ވަނީ ލިބިފައެވެ. އަދި ވޯޓުލުމަށް ޖުމްލަ 586 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.
މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 282،395 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބުނުއިރު، ވޯޓުލާފައިވަނީ އޭގެ ތެރެއިން %79.85 މީހުންނެވެ. އެއީ 225،486 މީހުންނެވެ. އެހެނަސް ދެވަނަ ބުރުގައި 78.32 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާާޅުވެފައެވެ.