English Edition
Dhivehi Edition

ރިޔާސީ އިންތިޚާބެއްގައި ވޯޓުލާން ލިބެނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު ކަމަށާއި އެ ލިބޭ ފުރުސަތަކީ ވަރަށް މުހިންމު ގައުމީ ވާޖިބެއް އަދާކުރުމަށާއި ގައުމުގެ މުސްތަގުބަލާ މެދު ވިސްނާ ގޮތެއް އިޚްތިޔާރުކުރުމަށް ލިބޭ ފުރުސަތެއް، ކަމުން އެ ފުރުސަތު ދޫކޮށް ނުލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން އިލްތިމާސް ކޮށްފިއެވެ.

ރިޔާސީ އިންތިޚާބާ ގުޅިގެން އީސީއާއި ދިވެހި ފުލުހުންގެ ޚިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ވޯޓުލުމުގެ ހައްގަކީ ޑިމޮކްރަސީގެ ވަރަށް މުހިންމު އަސާސެއް ކަމަށެވެ. އެގޮތުން ނުރަނގަޅު ނުފޫޒެއް ނެތި ވޯޓުލުމަކީ ކޮންމެ މީހަކަށް ވެސް ގާނޫނުން ލިބިދޭ ހައްގެއް ކަމަށާއި އެއީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް ވަރަށް ބޮޑު ޒިންމާއެއް ކަމުން އެ ޒިންމާ ފުރިހަމަ ގޮތުގައި ރަނގަޅަށް އަދާކުރުމަށް ހަބީބް ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ވޯޓުލާ މަރުކަޒުގެ ކަންކަން ހުންނާނީ އެއްވެސް ނުފޫޒެއްގައި ނުޖެހި ވޯޓުލެވޭނެ ގޮތަށް ހަމަޖައްސާފައި ކަމަށެވެ. އެގޮތުން އެ މީހަކު ބޭނުންވާ ގޮތަށް އެ މީހަކު ބޭނުންވާ ކެންޑިޑޭޓަކަށް ފާހަގަޖެހޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާނެ ކަމަށް ހަބީބް ވިދަޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 08:00ގައި ފަށައިގެން ހަވީރު 17:00އާ ހަމައަށް ކުރިއަށްދާނެއެވެ. އީސީން ބުނީ ހަވީރު 17:00އަށް ފަހު ފުރަތަމަ ބުރެކޭ އެއްފަދައިން މި ފަހަރު ވެސް ވަގުތު ހަމަވުމުން އިތުރު ވަގުތު ވޯޓު ލުމަށް ނުދޭނެ ކަމަށެވެ.

ދެވަނަ ބުރުގައި ވާދަ ކުރައްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒެވެ