English Edition
Dhivehi Edition

ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ކެންޕެއިންގެ ހަރަކާތްތައް ދެ ސިޔާސީ ޕާޓިންވެސް ނިންމާލާފައިވަނީ ވަރަށް އަމާންކަމާއި އޮމާންކަމާއިއެކުގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ، ކެމްޕެއިންގެ ހަރަކާތްތައް ނިންމާލުމަށް 2 ކެނޑިޑޭޓުންވެސް ކުރިއަށްގެންދިޔަ ހަރަކާތްތައް އެ ކޮމިޝަނުން ބަލާފައިވާކަމަށެވެ. އަދި ކެމްޕެއިން ނިންމާލާފައިވަނީ ވަރަށް އަމާންކަމާއި އޮމާންކަމާއިއެކުގައިކަމަށާއި، އެހެންކަމުން މިއީ އިލެކްޝަންސް ކޮމިޝަނުން ވަރަށް ބޮޑަށް އުފާކުރާ ކަމެއްގެ ގޮތުގައި ހަބީބު ފާހަގަކުރެއްވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މިއަދު ހެނދުނު ވޯޓުލުން ފެށޭއިރު އިސްމާއިލް ހަބީބް ވިދާޅުވީ، ވޯޓުލުމުގެ ހައްގަކީ ޑިމޮކްރަސީގެ ވަރަށް މުހިންމު އަސާސެއް ކަމަށާއި އެގޮތުން ނުރަނގަޅު ނުފޫޒެއް ނެތި ވޯޓުލުމަކީ ކޮންމެ މީހަކަށް ވެސް ގާނޫނުން ލިބިދޭ ހައްގެއް ކަމަށް ހަބީބް ވިދާޅުވިއެވެ. އަދި, އެއީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި އެ ޒިންމާ ފުރިހަމަ ގޮތުގައި ރަނގަޅަށް އަދާކުރުމަށް ހަބީބް ވިދާޅުވިއެވެ.