English Edition
Dhivehi Edition

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ހޮނިހިރު ދުވަހު އޮންނައިރު މިހާރު ކަނޑައަޅާފައިވާ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރު ނުކުރާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ހުކުރު ދުވަހުގެ ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު އީސީން އިތުރު ނުކުރާނެ ކަމަށާއި އިތުރުކުރާނެ ކަމަށް އުއްމީދުނުކޮށް ވީހާވެސް އަވަހަށް ވޯޓުލުމުގެ ޙައްގު އަދާ ކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 5:00 އަށް ކަމަށެވެ.

ދެވަނަ ބުރުގައި 586 ވޯޓުފޮށި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާއިރު ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބަލައި 350 އޮފިޝަލުން އިތުރު ކޮށްފައިވާ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ. އަދި ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބަލައި، ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނާއި ވެރިންނަށް ހާއްސަކޮށްގެން ހަތަރު ގަޑިއިރުގެ ތަމްރީނެއް ވެސް ކުރިއަށްގެންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

ހަބީބު ވިދާޅުވީ އީސީގެ ކޮމްޕްލަޔަންސް ބިއުރޯތަކަށް މިހާތަނަށް 203 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 194 މައްސަލަ ބަލައި ނިމިފައިވާއިރު 9 މައްސަލަ ބަލަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ރަޖިސްޓްރޭޝަނާ ގުޅޭ ޝަކުވާތަކާއި އޮފިޝަލުންނާ ގުޅޭ ޝަކުވާތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންތިޚާބުގެ ދެވަނަ ބުުރުގައި ރާއްޖޭގެ 4183 އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި 5988 މީހުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 1172 މީހުން ހަރަކާތްތެރިވާނެއެވެ. އަދި ބޭރުގެ 77 އޮބްޒާވަރުންނާއި 22 މޮނިޓަރުން ހަރަކާތްތެރިވާނެ ކަމަށް ވެސް އީސީން ބުންޏެވެ.