ތަނެއްގައި ހަމަޖެހުން އޮންނާނީ މީޑިއާގެ ދައުރު ޒިންމާދާރުކަމާއެކު އަދާކޮށްގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަންދާންކޮށްދީފިއެވެ.
“އަމަން އަމާންކަމުގެ ނިއުމަތް” މި މަޢުޟޫއަށް ކުރިއަށް ގެންދިޔަ ޚުތުބާގައި ބުނީ ޚަބަރުފަތުރާ ހުރިހާ ވަސީލަތްތަކަކީ އަމާނާތްތެރި ވަސީލަތަކަށްވާންޖެހޭ ކަމަށާއި މީޑިއާ ވާންޖެހޭނީ ތެދުވެރި، ބިނާކުރަނިވި ބާރަކަށް ކަމަށެވެ.
މީގެ އިތުރުން ޚަބަރުތައް ފެތުރުމުގައި އާއްމު ރައްޔިތުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ހުންނަ ކަމަށާއި ތެދު ދޮގު ނުބަލައި މީހަކު ފަތުރާ ކޮންމެ ވާހަކައެއް ނުވަތަ ޚަބަރެއް އިތުރަށް ފަތުރާ ބަޔަކަށް އަހަރެމެން ވެގެން ނުވާނެ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ. އަދި ރަނގަޅު ރައުޔެއް ދެވޭނީ އެކަމުގެ ތަޖުރިބާކާރުންނަށް ކަމަށްވާތީ، ކޮންމެ ޓްވީޓަކަށް ޖަވާބުދޭ މީހަކަށް ނުވުމަށް ވެސް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ޚުތުބާގައި ވަނީ މިފަދަ ޓްވީޓުތަކާއި ވައިބަރ ޗެޓްތަކާއި، ފޭސްބުކްގެ ލައިކްތަކުގެ ސަބަބުން މުޖުތަމައުގައި ހަމަނުޖެހުންތައް ހިންގަމުންދާތަން ފެންނަ ކަމަށާއި މީސްތަކުންގެ ހިތްތަކުގައި ނަފްރަތާއި ނުރުހުން އުފެދޭ ކަމަށް ވެސް ބުނެފައެވެ. އަދި މިފަދަ ކަންކަމުން ދުރުވުމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ.
މީގެ އިތުރުން ހަމަޖެހުމާއި އަމަން އަމާންކަން ތަނެއްގައި އޮންނާނީ އެ ތަނެއްގައި ދިރިއުޅޭ މީހުންގެ ތެރެއިން އިޖްތިމާއީ ބަލިތައް ފުހެލެވިގެން ކަމަށާއި އަދި ދުލުގެ އާފާތްތަކުން އެމީހުން ސަލާމަތްވެގެން ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ފުރައްސާރަ ކުރުމާއި ނެތިމޮށުމާއި ދެބައޮޑުވުމާއި މަލާމާތްކުރުން ފަދަ ހުތުރު ޢަމަލުތަކާ ވެސް ދުރުހެލިވާންޖެހޭ ކަމަށް ބުނެފައި ވެއެވެ.
ޚުތުބާގައި ބުނީ އިސްލާމް ދީން އައިސްފައިވަނީ މިފަދަ އާފަތްތަކުން މީސްތަކުން ސަލާމަތް ކުރުމަށް ކަމަށާއި މުޖުތަމައުގެ އަމާންކަމާއި ހަމަޖެހުން ދެމި އޮތުމަށްޓަކައި އަހަރުމެންގެ މައްޗަށް އިސްކުރެވިފައިވާ ވެރިން ދީނާ ޚިލާފަށް އަމުރު ނުކުރާ ހިނދު، އެބައިމީހުންނަށް ކިޔަމަންގަތުމަށް ވާޖިބު ކުރައްވައިފައިވާ ކަމަށެވެ.
މީގެ އިތުރުން މުޖުތަމައުގެ އަމާންކަމާއި ހަމަޖެހުމަކީ މާތް ވެގެންވާ އިސްލާމް ދީނުގައި ވަރަށް ބޮޑަށް އިސްކަން ދެއްވާފައިވާ ކަމެއް ކަމަށް ވެސް ޚުތުބާގައި ވަނީ ހަނދާން ކޮށްދީފައެވެ.