English Edition
Dhivehi Edition

ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ހިރާ ސްކޫލްގެ 2 ދަރިވަރަކާއި މުދައްރިސަކު މިއަދު ދުބާއީއަށް ފުރައިފިއެވެ.

އައްޑޫސިޓީގައި އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ ހިރާ ސްކޫލްގެ ޓީމު ދުބާއީ އަށް ފުރީ ސްރީލަންކަން އެއާލައިންސްގައި ގަމުގެ ވައިގެ ބަނދަރުންނެވެ.

މި އެވޯޑު ދިނުމުގެ ރަސްމިއްޔާތު އޮންނާނީ މިހާރު ދުބާއީ ގައި ކުރިއަށްދާ އެކްސްޕޯ 2020 ދުބާއީ ގައި ޖެނުއަރީ 17 ވަނަ ދުވަހުގައެވެ.

ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް އެވޯޑްގެ ފައިނަލަށް ހިރާ ސްކޫލް ހޮވިފައިވަނީ ދެކުނު އޭޝިޔާ ސަރަހައްދުގެެ ގްލޯބަލް ހައި ސްކޫލު ކެޓަގަރީން ނެވެ. ހިރާ ސްކޫލަކީ މި އިނާމަށް މިފަހަރު ރާއްޖެއިން ފައިނަލިސްޓުންގެ ތެރޭ ހިމެނުނު ހަމައެކަނި ސްކޫލެވެ. ހިރާ ސްކޫލްގެ އިތުރުން ސައުތު އޭޝިއާއިން، މި ކެޓަގަރީގައި ނޭޕަލް ގެ ދި ބްލިންކް ނައު ފައުންޑޭޝަނާއި އިންޑިއާގެ ކުވާރީ ހަންސާ ހަޔާ ސެކަންޑްރީ ސްކޫލް ވަނީ ހިމެނިފައެވެ.

ގްލޯބަލް ހައި ސްކޫލް ކެޓަގަރީ، ހަ ރީޖަން އަކަށް ބަހާލާފައިވާއިރު މި އެވޯޑަށް ޖުމްލަ 18 ގައުމަކުން 18 ސްކޫލު ވާދަކުރެއެވެ. މީގެ ތެރެއިން ހަ ސްކޫލެއް ހޮވުމަށް ހަމަޖެހިފައިވާއިރު މި އެވޯޑް ކާމިޔާބުކުރާ ހަ ސްކޫލުގެ ތެރެއިން ކޮންމެ ސްކޫލަކަށް 100،000 ޔޫއެސް ޑޮލަރު ލިބިގެން ދާނެއެވެ.

މިއަހަރުވެސް 151 ގައުމަކުން 4000 ވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާއިރު ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒުގެ ފައިނަލަށް 30 ފަރާތެއް ވަނީ ހޮވިފައެވެ. ޖަޖުންގެ މާކްސް އަށް ބަލައި ހޮވިފައިވާ 30 ފަރާތުގެ ތެރެއިން، މި އެވޯޑް ހާސިލްކުރާ 10 ފަރާތް މި އިވެންޓްގައި އިއުލާންކުރާނެއެވެ.

ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް އަކީ، 5 ދާއިރާ އަކުން ދެމެހެއްޓެނެވި ހައްލުތައް ހޯދާ ފަރާތްތަކަށް ޔޫއޭއީ އިން ދެމުން އަންނަ އެވޯޑެކެވެ. 2008 ވަނަ އަހަރުން ފެށިގެން މި އެވޯޑު ދެމުން އަންނަ ދާއިރާތަކަކީ ސިއްހަތާއި ކާނާ، ހަކަތަ އާއި ފެން، އަދި ގްލޯބަލް ހައި ސްކޫލްގެ ދާއިރާއިންނެވެ. ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް އަކީ ޝެއިޙް ޒައިދު ސުލްތާން އަލް ނަހްޔާނުގެ ހަނދާނުގައި ދެމުން އަންނަ އެވޯޑެކެވެ.