ޢާއްމު ފަރާތްތަކަށް މަތީ ތަޢުލީމު ފޯރުކޮށްދިނުމުގެ ޚިދުމަތް ދެމުން އަންނަ މެޕްސް ކޮލެޖުން ވެށި ސާފު ކުރުމުގެ ޚާއްސަ ޙަރަކާތެއް ހުޅުމާލޭގައި ކުރިއަށް ގެންގޮސްފިއެވެ.
ހުޅުމާލެ ފެރީ ޓާމިނަލް ސަރަޙައްދުން ފެށި ސާފުކުރުމުގެ ޙަރަކާތަކީ މެޕްސް ކޮލެޖަށް 25 އަހަރު ފުރޭ ރިހިޔޫބީލްއަށް އަމާޒުކޮށްގެން ހިންގޭ ޙަރަކާތްތަކުގެ ތެރެއިން ޙަރަކާތެކެވެ. އިއްޔެ ހަވީރު 4:00އިން ފެށިގެން އިރު އޮއްސި 6:00އާ ހަމައަށް ކުރިޔަށްދިޔަ ސާފުކުރުމުގެ ޙަރަކާތް ކުރިޔަށް ދިޔައީ މެޕްސް ކޮލެޖުގައި ކިޔަވާ ދަރިވަރުންނާއި މުވައްޒަފުން ހިމެނޭގޮތަށް ޓީމުތަކަކަށް ބަހާލައިގެން ވަރަށް ވާދަވެރި ގޮތަކަށެވެ.
ހުޅުމާލެ ފެރީ ޓާރމިނަލް ޕާކް ސަރަޙައްދުން ފެށިގެން އެ ސަރަޙައްދުގައި ހިމެނޭ ޕާކިންގް ޒޯންތަކާއެކު ވަރަށް ބޮޑު ސަރަޙައްދެއް މި ޓީމުތަކުން ސާފުކޮށްފައި ވާއިރު ޖުމްލަ 300 ކިލޯގެ އެކި ވައްތަރުގެ ކުނިވަނީ އެއްކޮށްފައެވެ. ސާފުކުރުމަށް ބޭއްވުނު ފޯރިގަދަ ޙަރަކާތުގައި އެންމެ ގިނަ ބަރުދަންހުރި ކުނި އެއްކުރި ޓީމުގެގޮތުގައި ހޮވިފައިވަނީ ޓީމް ‘ނީޓް ނައިޓްސް’އެވެ. މި ޓީމުގެ ކޮންމެ މެމްބަރަކަށް އިވެންޓުގެ ސްޕޮންސަރ މޫދު ހޮލިޑޭސްގެ ފަރާތުން ހަދިޔާއެއްގެގޮތުގައި 75ޑޮލަރުގެ ވައުޗާއެއްވަނީ ލިބިފައެވެ. މޫދު ހޮލިޑޭސްގެ ހެޔޮ އެދުންތަކާއެކު ހަދިޔާކުރި މި ވައުޗާ ބޭނުންކޮށްގެން އެއްވަނައަށް ދިޔަ ގްރޫޕުގެ ކޮންމެ މެމްބަރަކަށްވެސް އެ ކުންފުނިން ހިންގާ ފަތުރުވެރިކަމާ ގުޅުންހުރި ކޮންމެ ޕެކޭޖެއްގެ ޚިދުމަތްވެސް ހޯދޭނެއެވެ. މޫދު ހޮލިޑޭސްއަކީ ރާއްޖޭގެ ހިތްގައިމު ރިސޯޓުތަކުގެ އިތުރުން ރާއްޖޭގެ ތަފާތު އެކި މަންޒިލްތަކުގައި ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދޭ އެޖެންސީއެކެވެ.
އާއްމު ފަރާތްތަކަށް މަތީ ތަޢުލީމު ފޯރުކޮށްދިނުމުގައި ދިގު މުއްދަތެއް ހޭދަކޮށްފައިވާ މެޕްސް ކޮލެޖަށް 25 އަހަރު ފުރޭ ރިހިޔޫބީލްއާ ދިމާކޮށް އެ ކޮލެޖުން ވަރަށް ހާއްސަ ޙަރަކާތްތަކެއް މުޅި އަހަރުތެރޭ ހިންގުމަށްވަނީ ރޭވިފައެވެ. އެގޮތުން ވަކި ޙާއްސަ ކައުންޓްޑައުންއެއް ފެށިފައިވާއިރު އަންނަ އަހަރުގެ ޖުލައި މަހުގެ 25އާ ހަމައަށް ކޮންމެ މަހަކުވެސް ރިހިޔޫބީލްއަށް ޚާއްސަ ކުރެވިގެން ހަރަކާތެއް ކުރިޔަށްދާނެކަމަށް މެޕްސް ކޮލެޖުގެ މެނޭޖްމެންޓުންވަނީ ބުނެފައެވެ.
އިއްޔެ ކުރިޔަށްދިޔަ ސާފުކުރުމުގެ ޚާއްސަ ޙަރަކާތް އިންތިޒާމްކުރުމުގެ މައިގަނޑު މަޤްޞަދަކީ، މި ސެޕްޓެމްބަރ މަހުގެ 27ވަނަ ދުވަހު ފާހަގަކުރާ ބައިނަލް އަޤްވާމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ސާފުތާހިރު ވެށްޓެއް ޤާއިމުކުރުމަށް އާއްމުން ހޭލުންތެރިކުރުވުމެވެ. އެގޮތުން ދަރިވަރުން އިޖުތިމާޢީ ކަންކަމުގައި މަޝްއޫލުވެ އުޅޭ މިންވަރު އިތުރުކުރުވުމަކީވެސް މި ޙަރަކާތް ހިންގުމުގެ އެންމެ މުހިއްމު އެއް މަޤްޞަދެވެ.
ގިނަ ޢަދަދެއްގެ ދަރިވަރުންނަށް ލުއި ފަސޭހަކަމާއެކު ޚިދުމަތް ދެމުން އަންނަ މެޕްސް ކޮލެޖަކީ 1999ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދެމުން އަންނަ، ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކޮލެޖެވެ. އަތޮޅުތެރޭ ދިރިއުޅޭ ގިނަ ދަރިވަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް މެޕްސް ކޮލެޖުން ހޯދާފައިވާއިރު އެ ކޮލެޖުން އަންނަނީ 2019ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާއެކު އޮންލައިންކޮށް މަތީ ތަޢުލީމު ދިނުމުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީގެ ކޯސްތަކާ ހަމައަށް މެޕްސް ކޮލެޖުގައި ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށްވަނީ ހުޅުވާލެވިފައެވެ. މެޕްސް ކޮލެޖުން ހިންގާ ބެޗެލަރސް ޑިގްރީގެ ހުރިހާ ކޯސްތަކަކީވެސް ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔަވައިދޭ “ބެޗެލަރސް ޑިގްރީ ސްކީމް”ގެ ދަށުން ހިލޭ ކިޔެވޭނެ ކޯސްތަކެކެވެ. މީގެ އިތުރުން މުޅި ދުނިޔެ ޤަބޫލުކުރާ އެސޯސިއޭޝަން އޮފް ޗަރޓަޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ)ގެ ކޯސްތަކާއެކު އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ މާސްޓަރސް ކޯސްތައްވެސް މެޕްސް ކޮލެޖުގައި ހިންގައެވެ. މި ކޯސްތަކާބެހޭ މައުލޫމާތު މެޕްސް ކޮލެޖުގެ ވެބްސައިޓް (ވެބް ސައިޓް ނަން) މެދުވެރިކޮށް އާއްމުންނަށް ލިބޭނެއެވެ.