ރާއްޖޭގެ އެންމެ ގަދީމީ އިސްލާމީ ގަބުރުސްތާންކަމަށް ބެލެވޭ އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނުގެ އިން ފާރުން ބޮޑު ބައެއް ހަލާކުވެއްޖެއެވެ.
ގާތްގަނޑަކަށް 1311 ފޫޓްގެ މި ފާރުގެ މައި ގޭޓާ ދިމާލުން ބޮޑު ބައެއް ހަލާކުވެފައިވަނީ ބަހާއުއްދީނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ތެރޭގައި ކަމަށް މީދޫ ކައުންސިލަރު ހިޔާޒް ހަސަން ވިދާޅުވިއެވެ.
ހިޔާޒް ވިދާޅުވީ އެ ފާރު ވެއްޓިފައިވަނީ ބިން ލެވެލް ކުރުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށާއި އެ ކަން މިހާރު މަގުގެ މަސައްކަތް ކުރަމުން ގެންދާ އެމްޓީސީސީއަށް އަންގާފައިވާނެ ކަމަށެވެ.
“އެ ފާރުން ވެއްޓިފައިވާ ބައިގެ އިތުރަށް ފާރުގައި ވަރަށް ބޮޑަށް ރެސްލާފައިވަނީ. ފާރުން ވެއްޓުނު ބައިގެ މަސައްކަތް ކުރާއިރު މިބައިވެސް ރަނގަޅުކުރުމަށް މަސައްކަތް ކުރާނެ. އެމްޓީސީސީން ވަނީ ފާރުން ހަލާކުވެފައިވާ ބައި މަރާމާތު ކޮށްދޭނެ ކަމަށް ބުނެފައި” ހިޔާޒް ވިދާޅުވިއެވެ.
މީގެ 900 ވަރަކަށް އަހަރު ކަމަށް ބެލެވޭ މި ގަބުރުސްތާނުގެ ފާރުން ބައެއް ހަލާކުވުމާއި ގުޅިގެން މީދޫގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު ހިޔާޒް ވިދާޅުވީ ތާރު އެޅުމުގެ މަސައްކަތް ނިމުމާއި އެއްކޮށް ފާރު ރޭނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ކޯގަންނު ގަބުރުސްތާނުގެ ވަށާ ފާރަކީ ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ހަރަދުކޮށްގެން ރާނާފައިވާ ފާރެކެވެ. އެންމެ ފުރަތަމަ ގަބުރުސްތާނުގައި މީހުން ވަޅުލާފައިވަނީ ވަށާ ފާރެއް ނެތިއެވެ. ފުރަތަމަ ފާރެއް ރާނާފައިވަނީ މުހައްމަދު އަމީންގެ ވެރިކަމުގައިއެވެ. އެ ފާރު ވަނީ ވީރާވެ ގޮސްފައެވެ.
ކޯގަންނު ގަބުރުސްތާނަކީ ރާއްޖޭގެ ތާރީހާއި ގަދީމީ އެތައް ކަމެއް ފެންނަން ހުރި އަދި އެވޭލާ އެތައް ކަމެއް އެނގޭ ގަބުރުސްތާނެކެވެ.