އައްޑޫސިޓީ ގައި ކުރިއަށްދިޔަ މޯލްޑިވްސް ހެރިޓޭޖް ސަރވޭގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ.
ޖޫން މަހުގެ 23 ވަނަ ދުވަހުން ފެށިގެން ހެރިޓޭޖް ޓީމުން ކުރިއަށް ގެންދިޔަ މި މަސައްކަތުގައި އައްޑޫގެ 10 ސަރަޙައްދެއްގައި ހުރި 267 ބިނާއެއް ވަނީ ސަރވޭ ކޮށްފައެވެ.
އައްޑޫ ސިޓީގެ ކައުންސިލާއެކު މޯލްޑިވްސް ހެރިޓޭޖް ސަރވޭގެ ޓީމުން ބޭއްވި ބައްދަލުވުމަކަށްފަހު، މޯލްޑިވްސް ހެރިޓޭޖް ސަރވޭއިން ކުރިއަށް ގެންދިޔަ މި ސަރވޭގެ މަސައްކަތުގައި ރާއްޖޭގައި މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު އާސާރީ ސަރަޙައްދު ކަމަށްވާ ކޯގަންނު ގަބުރުސްތާނުގެ ސަރވޭ ވެސް ހިމެނެއެވެ. މި ސަރވޭގައި ކޯގަންނު ގަބުރުސްތާނުގައި ހުރި 4 މިސްކިތާއި، 227 ޒިޔާރަތާއި ބިސްތާނު އަދި 1535 މަހާނަ ގައު ކިތާބުކުރެވިފައިވާ ކަމަށް އެ ޓީމުން ބުނެއެވެ. އެގޮތުން އެ ހުރިހާ ތަނަކާއި ތަކެއްޗެއްގެ މިން ބަލައި، ކިތާބުކުރުމަށް ބޭނުންވާ ކުރެހުންތައް ތައްޔާރުކޮށް، ސްޓޯންރަބިންގ ހަދައި، ފޮޓޯ ނަގައި، އެ ތަންތަނާއި ތަކެތީގެ ތާރީޚާއި ގުޅޭ އިންޓަރވިއުތައް ރިކޯޑްކޮށް، ފީލްޑް ނޯޓް ނަގައި، ޑްރޯން ފުޓޭޖް ޝޫޓްކުރުމުގެ އިތުރުން ބައެއް ބިނާތަކުގެ 3D މޮޑެލްތައް ވަނީ ތައްޔާރުކުރެވިފައެވެ.
ސަރވޭގައި އައްޑޫ ސިޓީގައި ހުރި ހުރިހާ އާސާރުތަކެއް ކިތާބުކުރުމަށް ނިންމާފައިވާއިރު، މި މަސައްކަތަށް ޖުމްލަ 3 މަހާއި 4 މަހާއި ދެމެދުގެ މުއްދަތެއް ސަރވޭ ޓީމުން އައްޑޫގައި ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ.
އައްޑޫގައި ހުރި އިތުރު އާސާރުތަކާއި ތަރިކަ އާއި ގުޅޭ މަޢުލޫމާތު، 27 މާރިޗު 2019 ވަނަ ދުވަހު ގެޒެޓު ކުރެވުނު ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ވަގުތީ ދަފްތަރުގައި ވަނީ ހިމަނާފައެވެ.
މޯލްޑިވްސް ހެރިޓޭޖް ސަރވޭ، ނުވަތަ ދިވެހިރާއްޖޭގެ ތަރިކައިގެ ސާވޭއަކީ ރާއްޖޭގެ އިދާރީ 8 އަތޮޅެއްގައި ހުރި މާއްދީ އާސާރީ ތަރިކައާއި ގުޅޭ މަޢުލޫމާތު އެއްކޮށް، ކިތާބުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި ސާވޭގެ ތެރެއިން މި 8 އަތޮޅުގައި ހުރި އާސާރީ މިސްކިތްތަކާއި މަހާނަގާތަކާއި ހަވިއްތަ ފަދަ ތަންތަނާއި އަދި އެހެނިހެން ތާރީޚީ ބިނާތަކާއި ތަކެއްޗާއި ބެހޭ މަޢުލޫމާތު ކިތާބުކުރެވޭނެއެވެ.
މި ސާވޭގައި ހޯދާ މަޢުލޫމާތު ރައްކާކުރުމަށް ހަމަޖެހިފައިވަނީ ފޮޓޯ އާއި ވީޑީއޯގެ އިތުރުން 3D ޓެރެސްޓްރިއަލް ސްކޭނިން އަދި ޖިއޮގްރެފިކަލް އިންފޯމޭޝަން ސިސްޓަމް (ޖީއައިއެސް) އެއް ބޭނުންކޮށްގެންނެވެ. އަދި މި މަޢުލޫމާތު އާންމުންނަށް ބޭނުންކުރެވޭނެ އޮންލައިން ޑޭޓާބޭސްއެއްގައި ދަނީ އާންމު ކުރެވެމުންނެވެ.
މި ސާވޭގައި އެ މާއްދީ ސަގާފީ އާސާރުތަކާއި ގުޅޭގޮތުން މަޢުލޫމާތު މި ހޯދޭ މާއްދީ އާސާރީ ތަރިކައަކީ އެ ތަރިކަތައް ނެތިދިއުމުގެ ބިރު، އިންސާނީ އަދި ގުދުރަތީ ނުރައްކާތަކާއިހުރެ އިންތިހާއަށް ބޮޑުވެފައިވާ މާއްދީ އާސާރީ ތަރިކައެވެ. މިފަދަ ތަރިކަ ނެތިހިނގައްޖެނަމަ، ގެއްލިގެންދާނީ މިޒަމާނުގެ ދީނީ އަދި އިގުތިޞާދީ ގުޅުންތައް އުފެދުމުގެ ކުރީގެ އެތައް ތާރީޚީ މައުލޫމާތެއް ލިބެން އޮތް ވަޞީލަތެކެވެ. އެހެންކަމުން މި މަސައްކަތަކީ ދިވެހިންނަށް، އެބައިމީހުންގެ ތާރީޚު ދެނެގަނެ، މާނަ ކުރުމަށާއި، ޒަމާނުއްސުރެ އިންޑިއާ ކަނޑުގެ މެދުގައިމިވާ، އެ ޤައުމަކާއި މެދު މިހާތަނަށް މަދު އިލްމީ ދިރާސާތައް ކުރެވިފައިވާ މި ޖަޒީރާ ރަށްތަކުގެ މާޒީއާއި މާއްދީ އާސާރު ދެނެގަތުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެކެވެ.
އޮކްސްފޯޑް ސެންޓަރ ފޯ އިސްލާމިކް ސްޓަޑީޒްގެ ފަރާތުން، ޑރ. މައިކަލް ފީނަރ އިސްވެހުންނަވައިގެން ކުރިއަށްގެންދަވާ މި ސާވޭއަށް ފަންޑުކުރަނީ އާކޭޑިއާއެވެ. ރާއްޖޭގައި ކުރާ މި ސާވޭގެ އަމަލީ މަސައްކަތް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ، ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އާއި ގުޅިގެން، އަރތު އޮބްޒަވޭޓަރީ އޮފް ސިންގަޕޯގެވެސް އެހީތެރިކަމާއިއެކުއެވެ.
ދެ އަހަރުދުވަހަށް ކުރިއަށްގެންދިއުމަށް ރާވާފައިވާ މި ސާވޭގެ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ. އަދި މިހާތަނަށް މި ސާވޭގެ ދަށުން ލ އަތޮޅާއި، ޏ އަތޮޅު (ފުވައްމުލައް ސިޓީ) ގެ އިތުރުން، ކ އަތޮޅުގެ ގްރޭޓަރ މާލޭގައި ހިމެނޭ ރަށްތައް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ހުރި މާއްދީ އާސާރީ ތަރިކައާއި ގުޅޭ މަޢުލޫމާތު ވަނީ އެއްކުރެވިފައެވެ. މީގެ އިތުރުން، ހއ.، ހދ.، ގއ.، އަދި ގދ. އަތޮޅުގައި މި ސާވޭ ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ސާވޭގެ މަސައްކަތް މިހާރު ކުރިއަށްދަނީ ސ. އަތޮޅު (އައްޑޫ ސިޓީ) ގައެވެ.
މި ސާވޭއާއި ގުޅޭ ފޮޓޯ، ވީޑިއޯ، އަދި އެންމެ ފަހުގެ މަޢުލޫމާތުhttps://maldivesheritage.oxcis.ac.uk/ އިން ލިބެން ހުންނާނެއެވެ.