English Edition
Dhivehi Edition
އެމްޑީޕީގެ މެމްބަރުން އައްޑޫސިޓީގައި ދޮރުން ދޮރަށް ހިނގުމުގެ ޕްރޮގްރާމްގެ ތެރެއިން

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށެއްގައި “ދޮރުން ދޮރަށް” ހިނގުމުގެ ހަރަކާތެއް އެމްޑީޕީން މިއަދު ކުރިއަށް ގެންގޮސްފިއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޓީމުން މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ.

މި ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެމްޑީޕީއާ އަދާލަތު ޕާޓީއާ އެމްޑީއޭގެ އިސް ބޭފުޅުންވެސް މި ހަރަކާތުގައި ބައިވެރިވެވަޑަގެންނެވި ކަމަށް ކެމްޕޭނު އޮފީހުން ބުނެއެވެ.

“ދޮރުން ދޮރަށް” ނުވަތަ “ޑޯޓުޑޯ”އަކީ އެމްޑީޕީން ރާއްޖެއަށް ތައާރަފްކުރި ކެމްޕެއިން ހަރަކާތެކެވެ. މި ހަރަކާތުގެ ބޭނުމަކީ ރައްޔިތުން ކައިރިއަށް ޒިޔާރަތްކޮށް، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުއްފިލުވުމެވެ. އަދި އެ ރައްޔިތުންގެ ފަރާތުން ހުށަހަޅާ ކަންކަން ހައްލުކުރެއްވުމަށް ޕާޓީގެ މެނިފެސްޓޯގައި ވައުދުތައް ހިމަނައިގެން، އެ ކަންކަމަށް ހައްލު ހޯއްދެވުމަކީ މި ހަރަކާތުގެ އެންމެ މުހިއްމު ބޭނުންކަމަށް އެމްޑީޕީން ބުނެއެވެ.

މާފަން ދެކުނުގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ މި ހަރަކާތުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މާލެއިން ބަދަލުތަކެއް ފެންނާނެ ކަަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

މާލޭގެ އިތުރުން، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ކުރިއަށްދިޔަ “ދޮރުން ދޮރަށް” ހަރަކާތުގައި އެމްޑީޕީގެ ކެމްޕެއިން ޓީމުތަކުން ވަނީ، އެ ޓީމުތައް ހަރަކާތްތެެެރިވި ސަރަހައްދުތަކުގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ގޭގެއަށް ޒިޔާރަތްކޮށްފައެވެ. އަދި އެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝުޢޫރުތައް ހުރި ގޮތް ބެލުމަށްފަހު، ރިޔާސީ މެނިފެސްޓޯއާއި ވައުދުތަކުގެ ތެރެއިން އެކަންކަމަށް ހައްލުތައް ގެނެވޭނެކަމަށްވެސް އެ ޕާޓީން ބުނެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. ދެވަނަ ބުރުގައި ރައީސް ސާލިހާއި ވާދަކުރައްވާނީ އިިދިކޮޅު ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ.