English Edition
Dhivehi Edition

ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ނުރައްކާތެރިކަން ފިލުވައިލުމަށް އެންމެ އުނދަގޫ އެއް ވަބާއަކީ ރިޝްވަތުގެ ވަބާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނީ ބައެއް މުޖުތަމައުތަކުގައި ކޮންމެވެސް މިންވަރެއްގެ ރިޝްވަތަކާ ނުލާ އެއްވެސް ކަމެއް ނުކުރެވޭ ކަމަށާއި އެފަދަ މުޖުތަމައުތަކުގައި އަދުލު އިންސާފު ގާއިމް ކުރުމަށް ހުންނަ އިދާރާތަކުގައި ވެސް ރިޝްވަތާއި ރިޝްވަތުގެ އަމަލުތައް އިތުރެފައިވާ ކަމަށެވެ. އަދި މިއީ ގައުމާއި މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓުމަށް މެދުވެރިވެގެންދާ ކަންކަން ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ރިޝްވަތުގެ ސަބަބުން ގައުމުގެ ތަރައްގީގެ ދުވެލި މަޑުޖެހި ކުރިއެރުމަށް ހުރަސް އެޅޭނެ ކަމަށާއި ރާއްޖެ ވެސް ރިޝްވަތުގެ ނުރައްކާތެރި ވަބާގައި ޖެހިފައިވާ ކަން ވަނީ ފާހަގަކޮށްފައެވެ.

“ރިޝްވަތަކީ ތިމާއަށް ހައްގު ނޫން ކަމެއް، އެއްޗެއް، މަންފާއެއް ނުވަތަ ކަމަކުން ބަރީއަވެ، ސަލާމަތްވުމަށް ފައިސާ ނުވަތަ އެހެންވެސް އެއްޗެއް ބަޔަކަށް ނުވަތަ ފަރާތަކަށް ހޯދާ ދިނުން. ރިޝްވަތުދޭ މީހާ، ރިޝްވަތު އުފުލާ މީހާ (ރިޝްވަތު ދިނުމުގައި މެދުވެރިޔަކަށްވާ މީހާ) އަދި ރިޝްވަތު ހިފާ މީހާއަށް މާތްﷲ ވަނީ ލައުނަތް ލައްވާފަ.” ޚުތުބާގައި ބުންޏެވެ.

މިއަދުގެ ޚުތުބާގައި ބުނީ ރިޝްވަތު ހަރާމް ކުރައްވާފައި ވަނީ އެއީ މުޖުތަމައުގައި ފަސާދަ އުފެދުމަށް މެދުވެރިވާ ވަސީލަތަކަށް ވާތީ ކަމަށާއި އެއީ ހައްގަށް ދެކޮޅަށް ކުރެވޭ ހަނގުރާމަ ކުރުމަށް ބޭނުން ކުރެވޭ ހަތިޔާރަކަށްވާތީ ކަމަށެވެ. އަދިރިޝްވަތު އާންމުވެއްޖެނަމަ، މުޖުތަމައުގެ ހަމަޖެހުމާއި އަމާންކަން ގެއްލި ރުޅިވެރިކަމާއި އަދާވަތްތެރިކަމުގެ ޝިކާރައަކަށް މުޖުތަމައުގެ ފަރުދުން ވެގެންދާނެ ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ރިޝްވަތަކީ ހަރާމް އެއްޗަކަށް ވީ ހިނދު އެފަދަ ފައިސާއެއް ނުވަތަ މުދަލެއްގައި މުސްލިމުން ހިފައިގެން ނުވާނެ ކަމަށާއި ހަރާމް އެއްޗެއް ކައިގެން އެމީހެއްގެ ގައިގައި ޖަހާ މަސްގަނޑު ނަރަކައަށް މާ ހައްގުކަން ބޮޑުކަމަށް ރަސޫލާ ހަދީޘް ކުރައްވާފައިވާކަން ވަނީ ހަނދާން ކޮށްދީފައެވެ.

ރިޝްވަތު ވާނީ ކަށްވަޅު އަނދިރިކޮށް އީމާންކަމުގެ ނޫރު ނިއްވާލާ އެއްޗެއް ކަމަށް މާތްﷲ ވަހީ ކުރައްވާފައިވާކަން ހަނދާންކޮށްދެމުން ޚުތުބާގައި ބުނީ ހަރާމް ގޮތުގައި ހޯދާފައިވާ ތަކެތި ކައިބޮއެ އުޅުމާއި އުނުފޭރާން ލުމަކީ އެމީހެއްގެ ޢަމަލުތައް މާތްﷲ ގަބޫލު ނުކުރައްވާނެ ކަމެއް ކަމަށެވެ. އަދި ދުއާ އިޖާބަ ނުކުރައްވާނެ ކަމެއް ކަމަށް ރަސޫލާ ހަދީޘް ކުރައްވާފައިވާކަން ވެސް ވަނީ ހަނދާން ކޮށްދީފައެވެ.