ބެންކް އޮފް މޯލްޑިވްސްގެ ސްކޮލާޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ބީއެމްއެލް ސްކޮލާޝިޕް ފަންޑަކީ ބޭންކިންގް އާއި ފައިނޭންސް ދާއިރާއިން ހުނަރުވެރި ޒުވާނުން ބިނާ ކުރުމުގެ ގޮތުން ހުރިހާ ހަރަދެއް ހިމެނޭގޮތަށް ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ހޯދައި ދިނުމަށް ހުޅުވާލި ފަންޑެކެވެ. ބީއެމްއެލް އިން ބުނީ މި ފަންޑުގެ ދަށުން ޓިއުޝަން ފީ އާއި މަހުން މަހަށް ހިނގާނެ ހަރަދާ ވިސާ ފީ އާއި ފޮތް ގަތުމުގެ ހަރަދުގެ އިތުރުން އެސްޓަބްލިޝްމަންޓް އެލަވަންސް އަދި ޓިކެޓް ހަރަދު ދޭނެކަމަށެވެ.
ބީއެމްއެލް އިން ބުނީ މިއީ ބޭންކިން އާއި ފައިނޭންސްގެ ރޮނގުން އެކައުންޓިން އާއި ފައިނޭންޝަލް ޓެކްނޮލަޖީ، ފައިނޭންޝަލް އިންޖިނިއަރިން އާއި ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލެޓިކްސް ފަދަ ދާއިރާތަކުން ޕްރޮގްރާމްތައް ފުރިހަމަ ކުރުމުގެ ފުރުސަތު މި ސްކޮލާޝިޕްގައި ލިބިގެންދާނެކަމަށެވެ.
މި ފަންޑަށް އެދުމުގެ ފުރުސަތު އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންގެ ތެރެއިން އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސް ވެފައިވާ ޒުވާނުންނަށް ހުޅުވާލާފައިވާއިރު ބޭންކްގެ މި ސްކޮލަޝިޕަށް ހުށަހަޅާ ޒުވާނުންގެ ތެރެއިން ހޮވާލެވޭ ތިން ދަރިވަރަކު ނަގާނެއެވެ.
މި ފަންޑަށް އެދި ހުށައަޅަން ބެނުންވާ ފަރާތްތައް އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތައް ނޮވެމްބަރު 4 ވަނަ ދުވަހުގެ ރޭގަނޑު 12:00 އިގެ ކުރިން ހުށަހެޅުމަށް ބީއެމްއެލް އިން ވަނީ އެދިފައެވެ.