English Edition
Dhivehi Edition

ދިވެހިންނަށް އިތުރު ދެ ޤައުމަކަށް ވިސާއާ ނުލައި ދަތުރު ކުރެވޭގޮތަށް އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. ފޮރިން މިނިސްޓްރީން އަންގާރަ ދުވަހު ބުނެފައިވާ ގޮތުގައި “ވިސާ ވެއިވާ” އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުން ސޮއިކޮށްފައިވަނީ ހޮންޑޫރަސް އާއި ޓޮންގޯ ސަރުކާރާއެކުގައެވެ.

ރާއްޖެއާއި ހޮންޑޫއުރަސްއާއި ދެމެދު ވިސާ ވެއިވަރ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލްއެވެ. އަދި ހޮންޑޫރަސް ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުގެ މިިނިސްޓަރ އޮފް ފޮރިން އެފެއާޒް އެން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޑުއަޑޯ އެންރީކޭ ރެއިނާ ގާރްސިއާއެވެ.

އަދި ޓޯގޯގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާސް، ރީޖަނަލް އިންޓަގްރޭޝަން އެންޑް ޓޮގޮލީޒް އެބްރޯޑް، ޕްރޮފެސަރ ރޮބަރޓް ޑުސޭއެވެ.

މިއެއްބަސްވުމުގެ ދަށުން، ދުރާލާ ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް ހޮންޑޫރަސްއަށް 30 ދުވަހުގެ މުއްދަތަކަށް ދަތުރުކުރެވޭނެއެވެ. އަދި އެ ޤައުމުގެ ރައްޔިތުންނަށް ވެސް ވިސާނެގުމެއް ނެތި 30 ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލް ވަނީ ރާއްޖެއާއި ހޮންޑޫރަސް އާ ދެމެދު ގުޅުން ބަދަހިކުރެއްވުމަށްޓަކައި އެ ޤައުމުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ ގުޅުން ބަދަހިވެ، އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

ހޮންޑޫރަސް އަކީ މެދުތެރޭ އެމެރިކާގެ ޤައުމެކެވެ. ދިވެހިރާއްޖެއިން ހޮންޑޫރަސްއާއެކު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 13 އޮކްޓޫބަރ 2011 ގައެވެ. މިއަހަރު މި ގުޅުމަށް 12 އަހަރު ފުރިގެންދާނެއެވެ.