English Edition
Dhivehi Edition

މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށް ޚާއްސަކޮށްގެން ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުއެއް ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައިީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރޭ ގަލޮޅު ކަންމަތީގައި އޮތް ކެންޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުން ފިޔަވާ، މާލޭގައި ދިރިއުޅޭތާ އެތައް ދުވަހެއް ވެފައި ތިބި މީހުން އެބަތިބި ކަމަށެވެ. އަދި އެފަދަ މީހުންނަށް އަމިއްލަ ރަށުން ގޯތި ލިބުން ދަތިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“މާލޭގައި ދިރިއުޅޭ، އަޅުގަނޑުމެން މިކިޔާ ދަފްތަރުގައި ޖެހިފައިވާ 20 އަހަރަށް ވުރެ ގިނަ ދުވަހު ތިބި މީހުންނާއި، އަދި މާލޭގައި 20 އަހަރަށް ވުރެ ގިނަ ދުވަހު އުޅޭކަން ކަށަވަރުކޮށްދޭ ހުރިހާ އެންމެންނަށް އިރާދަކުރެއްވިއްޔާ އެ ހައުސިން ސްކީމުގެ ތެރެއިން ފްލެޓާ ގޯތި ދޫކޮށްދޭނަން” ރައީސް ވިދާޅުވިއެވެ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެއްވުމަށްޓަކައި މަސައްކަތް ކުރައްވަމުން އަންނަފަދައިން މާލެއަށް ހިޖުރަކޮށްގެން ދިރިއުޅޭ މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނެސްދެއްވުމަށްވެސް މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. މިގޮތުން މާލެއަށް ހިޖުރަކޮށް އުޅެމުންދާ މީހުންނަށްވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ގުޅީފަޅާއި، ގިރާވަރުފަޅު އަދި ހުޅުމާލެ ހިއްކަައިގެން 5،000 ގޯތި ދޫކޮށްފައެވެ. އެ ސްކީމް ހާއްސަކޮށްފައި އޮތީ މާލޭ ރަށްވެހިންނަށެވެ.
މީގެ އިތުރުން ފްލެޓް ލިބުނު 16923 މީހަކަށް ފްލެޓް ހަވާލުކުރައްވާނެކަމަށް ރައީސް ޞާލިޙު ވިދާލުވިއެވެ. އަދި ފްލެޓް އެޅުމުގެ މަޝްރޫއުގެ ދަށުން މިވަގުތުވެސް 4000 ފްލެޓްގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އިތުރު 4000 ފްލެޓް އެޅުމަށްޓަކާ ބަޔަކާ ހަވާލުކޮށްފައިވާކަމަށެވެ. ރައީސް ވިދާޅުވީ ދެވަނަ ދައުރުގައި ބާކީ ފްލެޓްތަކުގެ މަސައްކަތް ފަށްޓަވާނެކަމަށެވެ.