އެފްއޭ ކަޕް ސެމީފައިނަލްގައި މާޒިޔާ ސްޕޯޓްސް ކުލަބް އާއި ޓީސީ ސްޕޯޓްސް ބައްދަލުކުރި މެޗުގައި ހަބޭސް އިއްބެ ދެއްކި މޮޅު ކުޅުމާއި އެކު މާޒިޔާ ބަލިކޮށް ޓީސީ ފައިނަލުން ޖާގަ ހޯދިނަމަވެސް ކުޅުން ތެރިން ދެއްކި ކުޅުމާއި މެޗު ހިތްހަމަ ނުޖެހޭ ކަމަށް ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗު މުޙައްމަދު ނިޒާމް ބުނެފިއެވެ.
މިރޭގެ މެޗަށް ފަހު ޓީސީގެ ކޯޗު މުހައްމަދު ނިޒާމް(ނިޒާމްބެ) ބުނީ މެޗުން މޮޅުވެ ފައިނަލުން ޖާގަ ލިބުމުން ހިތްހަމަ ޖެހޭ ކަމަށާއި އެހެން ނަމަވެސް ކުޅުމާއި މެދު ހިތްހަމަ ނުޖެހޭ ކަމަށާއި މިއީ މިސީޒަންގައި ޓީސީން ދައްކާފައިވާ އެންމެ ދަށް ކުޅުން ކަމަށެވެ.
އުރީދޫ ޕްރިމިއަ ލީގުގައި ވެސް ޓީސީ އަތުން ބަލިވި މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ކުޅުމަށް ބަލާއިރު މޮޅަށް ކުޅެފައިވަނީ މާޒިޔާއިން ކަމށް ވިޔަސް ނަތީޖާ ނުނެރެވުމުން މުޅިން ހިތްހަމަނުޖެހޭ ކަމަށެވެ. އިންމަ ބުނީ މުބާރާތުގައި އަމާޒަކަށް ވީ ތަށި ކަމަށާއި އެކަން ހާސިލްނުވި ކަމުގައި ވީނަމަވެސް ފަހަތަށް ނުޖެހޭނެކަމަށެވެ.
މާލޭ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް ކުލަބް މިރޭ ޓީސީ އަތުން 2-0 ބަލިވުމާއި އެކު މާޒިޔާއަށް ވަނީ އަންނަ އަހަރު އޮންނަ އޭފްސީ ޗެލެންޖް ކަޕުން ވެސް ޖާގަ ގެއްލިފައެވެ.މި މޮޅާއިއެކު ޓީސީ އޭފްސީ ޗެލެންޖް ކަޕުން ޖާގައެއް ކަށަވަރުވާނި މާދަމާ ރޭ ކުޅޭ އެފްއޭ ކަޕްގެ ދެ ވަނަ ސެމީ ފައިނަލް މެޗުގައި ކުލަބް ގްރީން ސްޓްރީޓާއި ނިއު ރޭޑިއަންޓް ބައްދަލުކުރާ މެޗުން ނިއު ރެޑިއަންޓް މޮޅުވެއްޖެނަމައެވެ. އެހެން ނޫނީ ޓީސީ އަށް އޭއެފްސީ ކަޕްގެ ޖާގައެއް ޔަގީން ވަނީ ފައިނަލުން ގްރީން ބަލިކޮށްގެންނެވެ.
ނިއު އަށް އޭފްސީ ކަޕުން ޖާގައެއް ކަށަވަރުވެފައިވަނީ ޕްރިމިއާ ލީގުގެ ޗެމްޕިއަންގެ ހައިސިއްޔަތުންނެވެ.
ދާދި ހަމަ ހަމަ ކުޅުމެއް ދެ ޓީމްގެ ފަރާތުން ފުރަތަމަ ހާފްގައި ފެނިގެން ދިޔަ މިމެޗުގައި ޓީސީ ފައިނަލްގެ އުއްމީދު އާކޮށްދީފައިވަނީ ދެވަނަ ހާފްގެ 68 ވަނަ މިނެޓްގައި ޒުވާން އިތުބާރު ފޯވާޑް އިބްރާޙިމް މަޙްދީ(ހަބޭސް އިއްބެ) ކާމިޔާބުކޮށްދިން ލަނޑާއިއެކުގައެވެ.
ޓީސީ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރި ލަނޑު އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށް ފަހު އެނބުރި އައިސް ކާމިޔާބުކޮށްދީފައިވަނީ ދާދުއެވެ.