ޕެންޝަން ފަންޑުން ތަފާތު ބޭނުންތައް ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އދ. މަހިބަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ޕެންޝަން ފަންޑަށް އަހަރަކު 100 މިލިއަން ޖަމާވަމުން ގޮސް، މިހާރު އެ ފަންޑުގައި 20 ބިލިއަން ރުފިޔާ ހުރި ކަމަށް އެނގިވަޑައިގެންފައިވާ ކަމަށާއި، ޕެންޝަން ފަންޑުގައި ކިތަންމެ ގިނަ ފައިސާ ހުރި ނަމަވެސް ފަންޑުގެ ހައްގުވެރިންނަށް ޕެންޝަން ފައިސާ އެންމެ ހެޔޮ ގޮތުގައި ބޭނުންކުރެވޭނެ ގޮތެއް މިވަގުތު ނެތް ކަމަށެވެ
“ޕެންޝަން ފަންޑަށް ބަދަލު ގެނެސްގެން ގެދޮރު ބިނާކުރުމަށާއި ދަރިން ބޭރަށް ކިޔަވަން ފޮނުވުމަށާއި އަމިއްލަ ވިޔަފާރިއެއް ފެށުމަށްޓަކައި އިންވެސްޓެއްގެ ގޮތުގައި އެމީހާ އެ ޖަމާކޮށްފައި ހުރި ފައިސާއިން ކޮންމެވެސް ވަރެއް ނެގޭނެ ގޮތް އެބަ ހަދަންޖެހޭ. މިފަދަ ކަންކަން ކުރަން ފައިސާ ނެގޭނެ ގޮތަށް އެ ގާނޫނަށް އިސްލާހު ހުށަހަޅާނަން،” ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަމާ އެކު ޕެންޝަން ގާނޫނު އިސްލާހުކޮށް ޕެންޝަން ފައިސާ ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ގޮތް ހައްދަވައިދެއްވާނެ ކަމަށާއި، އެމަނިކުފާނުގެ ވިސްނުން ހުރީ ތައުލީމު ހާސިލްކުރުމަށާއި، އަމިއްލަ ގެދޮރު އިމާރާތް ކުރުމަށާއި، އަލަށް ވިޔަފާރިއެއް ފެށުން ފަދަ ކަންކަމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ އިން ކޮންމެވެސް ވަރެއް ނެގޭ ގޮތް ހެދުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ފަރުޟު ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ތަސްދީގު ކުރެއްވީ 2019 ފެބްރުއަރީ 27 ވަނަ ދުވަހުއެވެ. އޭގެ އިތުރުން އަމިއްލައަށް ބޯހިޔާވަހިކަމެއް ހޯދުމަށް ބޭނުންވާ މީހުންނަށް ޑައުންޕޭމަންޓް ނުވަތަ އިކުއިޓީ ދައްކާލެވޭގޮތަށްވެސް އެފަްނޑުން ހަމަޖެހިފައި އޮވެއެވެ.
ރާއްޖޭގެ ޕެންޝަން ފަންޑުގައި3000 އަށްވުރެ ގިނަ އޮފީސްތަކާއި އިދާރާތަކުން، 120،000 އަށް ވުރެ މުވައްޒަފުން ބައިވެރިވެފައިވެ އެވެ.