English Edition
Dhivehi Edition
ފޮޓޯ: ޕީޕީއެމް

ޕީޕީއެމް ޕީއެންސީގައި މި އޮތް ބޮޑު ލަޝްކަރާއި އެކު އިދިކޮޅު ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙައްމަދު ޞާލިހު ބަލިކުރެވޭނޭ ކަމަށް ޕީޕީއެމް ޕީއެންސީ އާއި އެކު ދާދިފަހުން ކޯލިޝަން ހެއްދެވި އެމްއެންޕީގެ ރައީީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވ މި ކޯލިޝަނުގައި އޮތީ ބިޔަ ބޮޑު ލަޝްކަރެއް ކަމަށާއި މި ލަޝްކަރާއި އެކު އިދިކޮޅު ކެންޑިޑޭޓް ރައީސް ޞާލިހު ބަލިކުރެވޭނޭ ކަމަށެވެ. އަދި ސަރުކާރުން އަންނަނީ އިންތިޚާބު ކާމިޔާބު ކުރުމަށް ގިނަ އަދަދެއްގެ ފައިސާ ބަހަމުން އަންނަކަމަށް ވެސް ނާޒިމް ތުހުމަތު ކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ އެމްޑީޕީން ފައިސާ ބަހަމުން ދިޔަ ނަމަވެސް އެފައިސާގައި ނުޖެހި ޕީޕީއެމްގެ މެމްބަރުން، ޤައުމު އިސްކޮށް ދައްކަމުން އަންނަ ސާބިތު ކަމަށް ތަޢުރީފު ކުރައްވާ ކަމަށެވެ.

އިތުރަށް ނާޒިމް ވިދާޅުވީ ސިޔާސީ މަސައްކަތް ފެއްޓެވީ ޕީޕީއެމުން ކަމަށާއި އެ ޕާޓީއާއި ދުރުގައި ހުންނެވިޔަސް، ހިތުގައި ޕާޓީއަށްޓަކައި އަބަދު ވެސް ލޯބި އޮތް ކަމަށެވެ.

ޕީޕީއެމް ޕީއެންސީގެ މެނިފެސްޓޯ ބެއްލެވިއިރު، އެމްއެންޕީގެ ސިޔާސަތުތަކާއި އެއްގޮތްކަންތައްތަކެއް ހުރުމުން ޕީޕީއެމްގެ ކޯލިޝަނާއެކުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ރައީސް ޞާލިޙު ވަރަށް ފަސޭހައިން ބަލި ކުރެވޭނޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، ދިވެހީންނަށް މިއަދު އަމިއްލަ ބަސް ބުނުމުގެ އެއްވެސް ބާރެއް ނެތް ކަމަށާއި އަދި ޤައުމު އޮތީ އަޅުވެތިވެފައިވާ ކަމަށެވެ.