English Edition
Dhivehi Edition
ފޮޓޯ: ޕީޕީއެމް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ޕީއެންސީ އާއެކުގައި ގުޅިގެން މަސައްކަތްކުރުމުގެ ދައުވަތު، ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ހުރިހާ ސިޔާސީ ޕާޓީތަކަކަށް ދެއްވައިފިއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނު ކާމިޔާބު ފާހަގަކުރަން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ޕީއެންސީ އާއެކުގައި ގުޅިގެން މަސައްކަތްކުރުމުގެ ދައުވަތު، ހުރިހާ ސިޔާސީ ޕާޓީތަކަކަށް ދެއްވާކަމަށެވެ.

އަދި އެ މަނިކުފާނު ކުރައްވަމުން ގެންދަވާ ގައުމީ މަަސައްކަތުގައި ހުރިހާ ޕާޓީތަކުންވެސް ބައިވެރިވުމަކީ ވަރަށް ބޮޑަށް އެދޭކަމެއްކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޕީޕީއެމް ޕީއެންސީން އިސްކުރާނީ ރަހުމަތްތެރިކަމުގެ އަތްކަމަށާއި ގައުމުދެކެ ލޯބިވާ ހުރިހާ ރައްޔިތުން އެ އަތުގައި ހިފުމަކީ އޭނާގެ އެދިލެއްވުމެއް ކަމަށެވެ. އަދި ގައުމު އިސްކޮށް ގައުމުގެ ބަހާތަކަށް އިހްތިރާމް އަދާކޮށް ގައުމުގެ މިނިވަންކަމަށް އިހްތިރާމް އަދާކުރާ ގައުމުގެ ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެއް ވިސްނުމަކަށް އަންނަ ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެއް ގޮތުގައި ދެކޭ ކޮންމެ ސިޔާސީ ވެރިއަކާ އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް މުއިއްޒު ދެއްވިއެވެ.

މިއަދު އިސްކުރަންވީ ގައުމުކަމަށާއި ގައުމަށް އެންމެ ރަނގަޅު ގޮތަކީ އޭނާއާއެކު މަސައްކަތްކުރަން ހުރިހާ ޕާޓީއަކުން ވެސް ނިންމުންކަމަށާއި އަދި ސިޔާސީ ފިކުރަށްވުރެ ބޮޑަށް ގައުމީ ފިކުރު އިސްކުރަންޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އަޅުގަނޑު އިސްކުރާނީ ރަހުމަތްތެރިކަމުގެ އަތް. އަޅުގަނޑު މި ދިއްކުރާ އަތުގައި އަޅުގަނޑު އެދެން ގައުމުދެކެ ލޯބިވާ ހުރިހާ ސިޔާސީވެރިން ހިއްޕެވުމަށް.” މުއިއްޒު ވިދާޅުވިއެވެ.