English Edition
Dhivehi Edition

ރާއްޖޭގެ ރައީސަކު އިންތިޚާބު ކުރުމަށް އިއްޔެ ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބު 2023ގައި ވޯޓުލުމަށް އެންމެ ގިނައިން ނުކުމެފައި ވަނީ އަންހެނުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، މި އިންތިޚާބުގައި ‏ގާތްގަނޑަކަށް %79.6 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާއިރު މިފަހަރު ‏ފިރިހެނުންނަށް ވުރެ، އަންހެނުން ވޯޓުލީ ނިސްބަތް މަތި ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

އިންތިޚާބުގައި ވޯޓުލުމުގެ ހައްޤުލިބިފައިވާ މީހުންގެ އަދަދަކީ 282395 އެވެ. އޭގެ ތެރެއިން ވޯޓު ލާފައިވަނީ 225486 މީހުންނެވެ. އަދި މީގެ ތެރެއިން ސައްޙަ ވޯޓަކީ 220651 ވޯޓެވެ. 4835 ވޯޓަކީ ބާޠިލު ވޯޓެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާގޮތުގައި މިއަހަރަކީ އެންމެ މަދުން ވޯޓުލީ އިންތިޚާބެވެ. މިގޮތުން މިއަހަރުގެ އިންތިޚާބުގައި ވޯޓު ލާފައިވަނީ %75 މީހުންކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

ކޮންމެ ފަސް އަަހަރަކުން އެއްފަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ މިފަހަރުގެ ބުރުގައި އަށް ކެންޑިޑޭޓުން ވާދަ ކުރިއެވެ. މިއީ މި އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރި ފަހަރުވެސް މެއެވެ. މިގޮތުން ސިޔާސީ ޕާޓީތަކުން މިފަހަރު ފަސް ކެންޑިޑޭޓުން ވާދަ ކުރެއްވިއިރު، އަމިއްލަ ގޮތުން ތިން ކެންޑިޑޭޓަކު ވާދަކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.