މިއަދު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި މިހާރުގެ ވެރިކަން ކުރާ ޕާޓީ ފަހަތަށް ޖައްސައި އިދިކޮޅު ޕާޓީ ޕީޕީއެމް ޕީއެންސީން ކުރިއަށް ޖައްސައިފިއެވެ.
ވަގުތީ ނަތީޖާއިން ޑރ. މުއިއްޒު ފަރަގު ބޮޑުކުރައްވަވަމުން ގެންދަވާއިރު ރައީސް ސޯލިހާއި މުއިއްޒާ ދެމެދު ހާހެއްހާ ދެމެދުގެ ފަރަގެއް މިހާރު އެބައޮތެވެ. މުއިއްޒު މިހާތަނަށް 45.84% ވޯޓު ހޯއްދަވާފައިވާއިރު ރައީސް ސޯލިހަށް ހޯއްދެވިފައި ވަނީ 39.72% ވޯޓެވެ.
މި ނަތީޖާ އާާއި އެކު އިދިކޮޅު ޕާޓީގެ ސަޕޯޓަރުން މިހާރު ގެންދަވީ ސޯޝަލް މީޑިއާގައި އުފާ ފާޅުކުރަމުންނެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށައިގެން ކުރިއަށްގެންދިޔައީ 4:00 އަށެވެ. މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހުންނަށް ލިބުނެވެ.
މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމުލަ 574 ވޯޓު ފޮށި ބެހެއްޓި އެވެ. އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުގައި ބެހެއްޓޭ 176 ފޮއްޓާއި އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި އަށް ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި 6 ފޮއްޓެވެ.