English Edition
Dhivehi Edition

ދިވެހި ރައްޔިތުން ނިންމާ ނިންމުމަށް ހުރިހާ ފަރާތްތަކުން އިހުތިރާމްކުރަންޖެހޭ ކަމަށާއި، ގައުމާއެކު ކުރިއަށްދާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި ވޯޓުދެއްވެވުމަށް ފަހު މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ނައިބު ރައީސް ވިދާޅުވީ އިންތިޚާބުތަކަކީ ހުރިހާ ރައްޔިތުންނާއި ގުޅިފައި އޮންނަ ކަމެއް ކަމަށާއި، މުޅި ގައުމުގެ ކުރިއެރުމާއި، ރައްޔިތުންގެ އުންމީދާއި ކުރިމަގާއި ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ވޯޓު ލުމަކީ ފަރުދީ ޒިންމާއެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

 

“އަޅުގަނޑަށް މިފެންނަނީ ވަރަށް ހަމަޖެހުމާއެކު މުޅި ރާއްޖޭގައި އިރާދަކުރެއްވިއްޔާ ވަރަށް ހަމަޖެހުމާއެކު ހަމަހިމޭން ކަމާއެކު ވަރަށް ސްމޫތުކޮށް ވޯޓުލުމުގެ ކަންތައްތައް ކުރިއަށްދާ މަންޒަރު. އަޅުގަނޑުމެންގެ އުންމީދަކީ ވެސް މިއީ. އަޅުގަނޑުމެންނަށް މިގޮތަށް އައު ގާނޫނު އަސަސީއަށްފަހު ދެތިންފަހަރު އިންތިޚާބު ބޭއްވިއްޖެ. އަޅުގަނޑުމެން ވަރަށް ގިނަ ކަންތައްތަކަށް ފަރިތަވެއްޖެ މިހާރު. އެހެންވީމަ އެގޮތަށް އެކުވެރިކަމާއެކު ކިތަންމެ ވާދަވެރިކަމެއް އޮތަސް މިއީ އެންމެ ގިނަ ކެންޑިޑޭޓުން ބައިވެރިވި އިންތިޚާބު.” ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ މިރޭ ނަތީޖާ އެނގިގެންދާނެ ކަމަށާއި، ދިވެހި ރައްޔިތުންގެ ނިންމުމަށް ހުރިހާ ފަރާތްތަކުން އިހުތިރާމް ކުރަންޖެހޭ ކަމަށެވެ.