މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގައި ވޯޓުލާ ބައެއް މަރުކަޒުތަކުގައި ވޯޓުގެ ސިއްރުކަން ކަށަވަރުނުވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.
މިއަދު ވޯޓުލުން ފެށި ގޮތާ ގުޅޭ ގޮތުން ޓްރާންސްޕޭރެންސީއިން ނެރުނު ބަޔާނެއްގައި ވަނީ ވޯޓުލާ ފޮށިތަކުގެ 96 ޕަސެންޓް މަރުކަޒު ތައްޔާރުކޮށްފައި ވަނީ ލާ ވޯޓުގެ ސިއްރުކަން ކަށަވަރުވާ ގޮތަށް ކަމަށެވެ. ނަމަވެސް ބާކީ ހަތަރު ޕަސެންޓު މަރުކަޒުތަކުގައި ވޯޓުގެ ސިއްރުކަން ކަށަވަރުނުވާ ކަމަށް ޓްރާންސްޕޭރެންސީގެ އޮބްޒާވަރުންނަށް ފާހަގަކުރެވިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
ޓްރާންސްޕޭރަންސީން ވިދާޅުވީ މުޅި އިންތިހާބު ހިނގަމުންދާ ގޮތް މޭ 2023 އިން ފެށިގެން އެ ޖަމިއްޔާއިން ބަލަމުންދާ ކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ ވޯޓުލުން ފެށިގެން ގޮސްފައި ވަނީ ޖުމްލަގޮތެއްގައި ރަނގަޅަށް ކަމަށާއި ހުރިހާ ވޯޓު ފޮއްޓެއްވެސް ނުވައެއް ޖެހުމުގެ ކުރިން ވަނީ ހުޅުވާފަ ކަމަށެވެ.
މިއަދު ކުރިއަށްދާ ވޯޓުލުމުގައި މަދުން ނަމަވެސް މައްސަލަތަކެއް ވަނީ ފެންމަތިވެފައެެވެ. އެގޮތުން އިންތިހާބާ ގުޅުން ހުރި ކަންކަމާ ގުޅިގެން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މީހުންގެ ތެރޭގައި ހިމެނެނީ ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުން ކަމަށާއި އޭގެ ތެރެއިން ހަތް ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މިއަދު ވޯޓުލުން ކުރިއަށްދާނީ 17:00އާ ހަމައަށެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ އެއަށް ފަހު ކިޔޫ ބަންދުވާނެ ކަމަށާއި ވޯޓުލާން އިތުރު ވަގުތު ނުދޭނެ ކަމަށް ބުނެފައެވެ.