އަލުން އެމްޑީޕީން ދެވަނަ ދައުރަކަށް ކޯލިޝަނުގައި ކުރިމަތިލަނީ އައްޑޫ ތަރައްގީކުރުމަށްކަމަށާއި އައްޑޫގައި އަލަށް ހަދާ ރިސޯޓުތައް ތަރައްގީކުރާނީ ދެވަަނަ ދައުރުގައިކަމަށް އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރޭ އައްޑޫގައި ކުރިއަށް ގެންދިޔަ ބޮޑު ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ ރިސޯޓް ތަރައްގީކުރުމުގެ މަސައްކަތަށް އިންވެސްޓްމެންޓެއް ނައިސްފިނަމަ އެމަނިކުފާނު އަމިއްލަޔަށް ވެސް އެ މަަަސައްކަތް ކޮއްދެއްވަވާނެ ކަމަށެވެ.
ސިޔާމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އައްޑޫގައި ފަތުރުވެރިކަން އިތުރަށް ފުޅާވާނެކަމަށާއި މިއީ ހަގީގީ މަންޒަރަކަށް ވާނެކަމަށެވެ. އަދި އިގްތިޞާދީ ބޮޑު ބަދަލެއް ދެން އަންނަ ދައުރުގައި އަންނައިރު އައްޑުއަކީ ޓޫރިޒަމްގެ ބޮޑު ޑެސްޓިނޭޝަނަކަށްވާނެ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.
އައްޑޫގެ ފަތުރުވެރިކަން ތަރައްގީވަމުން އައި ހިސާބާއި ގުޅުވައިގެން ސިޔާމް ވިދާޅުވީ އައްޑޫގައި އެންމެ ފުރަތަމަ ހެރެތެރެ ހުޅުވި އިރު އެތަން ތަރައްގީކުުރުގެ މަސައްކަތަށް ވެސް އިންވެސްޓް ކުރިކަމަށެވެ.
“އައްޑޫގައި އެންމެ ފުރަތަމަ ހެރެތެރެ ރިސޯޓް ހުޅުވިއިރު އެ ތަން ތަރައްގީކުރުމުގެ މަސައްކަތަށް އިންވެސްޓްއެކަކީ އަޅުގަނޑު. ސީދާ އަޅުގަނޑާއި އިތުރު ބޯޑް މެމްބަރުންތަކަކާއެކު އެ ކަން ކުރީ. އަޅުގަނޑުމެން އެ ތަން ހެެދީ. އެ ތަން ހަަދައި އެއް އަހަރު ދުވަހު ހިންގިން. އޭގެ ފަހުން އެތަނުގެ ހިއްސާ އެއްކޮށް އެ ފަރާތަށް ވިއްކައި ކުރި އިންވެސްޓްމަންޓުގެ ފައިދާ ފަހުން ހޯދީ” ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ރާއްޖޭގެ އުތުރުން ދެކުނަށް، އައްޑުއަށް އަންނަ ބަދަލާއި ތަރައްގީއަކީ އައްޑޫސިޓީގެ ރައްޔިތުން ފެށުނީއްސުރެ އިންތިޒާރުކުރަމުން އަންނަ ކަންތައްތަކެއްކަމަށެވެ.