English Edition
Dhivehi Edition

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރުމުގެ ކަންކަން ހުކުރު ދުވަހުގެ ހަވީރު 6:00 ގައި ބަންދުވާނެ ކަމަށާއި ވަގުތު ހަމަވުމުން ކެމްޕެއިން ހަރަކާތްތައް ހިންގާނަމަ ފިޔަވަޅުއަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ޓްރެއިނަރ ފާތިމަތު ޒުހުދާ ވިދާޅުވީ، ދެވިފައިވާ ވަގުތު ހަމަވުމަށްފަހު ޖަގަހަތައް ހުޅުވުމާއި ޖަގަހަތަކުގައި ސިޔާސީ ހަރަކާތްތައް ހިންގުން ފަދަ ކަންކަން މަނާވާނެ ކަމަށެވެ.

މީގެ އިތުރުން ނޫސް މަޖައްލާތަކާއި ޓީވީތަކުންވެސް ކެމްޕެއިންނާ ގުޅުންހުރި އެއްވެސް އެއްޗެއް ޝާއިކުރުމާއި ބްރޯޑްކާސްޓްކުރުން އެހިނދުން ފެށިގެން މަނާވާނެކަމަށް ޒުހުދާ ވިދާޅުވިއެވެ. އަދި އެފަދަ ކަންކަން ހިނގާނަމަ ކަމާގުޅުންހުރި މުވައްސަސާތަކުން ފިޔަވަޅު އަޅާނެކަން ފާހަގަކުރައްވަމުން ޒުހުދާ ވިދާޅުވީ ވޯޓުލާ ސަރަހައްދުތަކުގައި ކެމްޕެއިންގެ އަމަލެއް ހިންގަން މަސައްކަތްކޮށްފިނަމަ ހުއްޓުވާނެ ކަމަށެވެ.

މި އިންތިޚާބުގައި ކެންޑިޑޭޓުން ކެމްޕެއިން ކުރުމަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އެއީ އޮގަސްޓް 10 އިން މިމަހުގެ 8 ވަނަ ދުވަހާ ހަމައަށެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިޚާބެވެ. މި އިންތިޚާބުގައި 8 ކެންޑިޑޭޓަކު ވާދަ ކުރައްވައެވެ.

ރިޔާސީ އިންތިޚާބުގައި 282،395 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އެއީ 138،196 އަންހެނުންނާއި 144،199 ފިރިހެނުންނެވެ.