ރައްޔިތުން އަތުން ވޯޓު ގަންނާތީ ރައްޔިތުންނަށް ކަމެއްކޮށްދެން ނުޖެހޭ ކަމަށް ވެރިން ބުނަމުން އަންނަ ކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ރައީސް ވަހީދު މިފަދައިން ވިދާޅުވީ ހއ. އިހަވަންދޫގައި ބޭއްވި ޖުމުހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި އިންތިހާބުގައި ވޯޓުގަތުމަށް ބައެއް ފަރާތްތަކުން 80 މިލިއަން ޑޮލަރުން ހޭދަކުރާއިރު އެފައިސާ ހޯދަނީ ކިހިނެތްތޯ ރައީސް ވަހީދު ސުވާލު އުފެއްދެވިއެވެ. ސަރުކާރުން ފުރަތަމަ ދުވަހުވެސް ކުރަންފެށި މަސައްކަތަކީ އިންތިހާބުގައި ފައިސާ ބަހަން ކުރިއާލައި އެކި ގޮތްގޮތުން ރައްޔިތުންގެ ފައިސާ އެއްކުރުން ކަމަށްވެސް ރައީސް ވަހީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ވަހީދު ވިދާޅުވީ ގާނޫނާއި ހިލާފަށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރު ކުންފުނިތަކުގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވަޙީދު ވިދާޅުވީ ބަދަލު ދިނުމުގެ ނަމުގައި ސަރުކާރުން ހިންގި ކޮރަޕްޝަންގެ އަމަލުތައް ގައުމީ ފެންވަރުގައި ތަހުގީގުކުރަންޖެހޭ ކަމަށެވެ.
“ޕާޓީ ނިޒާމެއް ރާއްޖެއަށް އުފަންކުރީ ޑިމޮކްރަސީގެނެސް ރައްޔިތުން ބާރުވެރިކުރަން . އަދި ވެރިކަން ހިންގުމުގައި ރައްޔިތުންގެ ބަހެއް އޮތުން މުހިންމުއިރު މިކަން މިއަދު އެބައޮއްތޯ؟ އަދި ޑިމޮކްރަސީ ގެނެސްގެން ރައްޔިތުންނަށް ވީ ފައިދާއަކީ ކޮބައިތޯ؟ މިއަދު ރައްޔިތުން މިވަނީ ދަރުވާލާފައި” ރައީސް ވަހީދު ވިދާޅުވިއެވެ.
ބަދަލު ދިނުމުގެ ނަމުގައި ސަރުކާރުން ހިންގި ކޮރަޕްޝަންގެ އަމަލުތައް ގައުމީ ފެންވަރުގައި ތަހުގީގުކުރަންޖެހޭކަމަށް ރައީސް ވަހީދު ވިދާޅުވިއިރު ރިޔާސީ އިންތިޚާބަށް 4 މަހަށްވީއިރު 101 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ސަރުކާރުންވަނީ ބަހައިފައެވެ. އަދި ރައީސް ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ އަހަރުގެ ބަދަލުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ދީފައިވެއެވެ.