English Edition
Dhivehi Edition

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ފުރަތަމަ ބެޗް ނިންމައި 18 ޕައިލެޓުން ދަސްވެނިވި ކަމުގެ ލިޔުން ޙަވާލުކޮށްފިއެވެ.

ރާއްޖޭގެ ގައުމީ އެއާލައިން ހިންގަމުންދާ އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަން އޭވިއޭޝަން އިން ރޭ މީރުމާ މާލަމްގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވެވީ ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

ދަސްވެނިވުމުގެ މި ރަސްމިއްޔާތުގައި ރައިސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން ޕައިލެޓުން ތަމްރީނުކުރުމަށް ހިނގި ޕްރޮގްރާމް ފުރިހަމަ ކުރި ފުރަތަމަ ބެޗްގެ ދަރިވަރުންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ ތެރެއިން 18 ދަރިވަރުން ވަނީ އެ ދަރިވަރުންގެ ކޯސްތައް ފުރިހަމަ ކޮށްފައެވެ. އަދި އެ އެކަޑަމީގައި މިހާރުވެސް 15 ދަރިވަރަކު ކޯސްތައް ފުރިހަމަ ކުރަމުން އަންނައިރު 10 ދަރިވަރަކު އެ އެކަޑަމީގައި ތަމްރީނުތައް ފެށުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ އެވިއޭޝަން ދާއިރާގެ ކުރިމަގަށްޓަކައި އެ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރަން ޖެހޭ ކަމަށެވެ.

އަދި އޭޝިއަން އޭވިއޭޝަން އެކަޑަމީއަށް ދިމާވި ގޮންޖެހުންތަކާއި ހެދި އެ އެކަޑަމީ ބަންދުކޮށް، ދިވެހި ދަރިވަރުންތަކެއްގެ ކިޔެވުން ހުއްޓުމަކަށް އައިސް ކުރިމަތިވި ދަތިތަކަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން ކުރި މަސައްކަތްތަކާއި އަދި މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އުފެއްދުމަށް ކުރި މަސައްކަތްތަކުގެ މައްޗަށް ވެސް ނައިބު ރައީސް ވަނީ އަލިއަޅުވާ ލައްވާފައެވެ. މީގެ އިތުރުން، ނައިބުގެ ވާހަކަފުޅުގައި ރާއްޖޭގައި އެވިއޭޝަން އިންޑަސްޓްރީގައި ދިވެހިން މަސައްކަތްކުރާ ނިޞްބަތް އިތުރުކުރުމުގެ މުހިންމުކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

އޭޝިއަން އޭވިއޭޝަން އެކަޑަމީއަށް ދިމާވި ގޮންޖެހުންތަކާއި ހެދި ދަރިވަރުންތަކެއްގެ ކިޔެވުން ހުއްޓުމަކަށް އައިސްފައިވަނިކޮށް، އެ ދަރިވަރުންނަށް ކުރިމަތިވި ދަތިތަކަށް ޙައްލު ހޯދައިދިނުމަށް އުފެއްދި މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ އިފްތިތާޙްކޮށްފައި ވަނީ 2021 ޑިސެންބަރު 28 ގައެވެ.