English Edition
Dhivehi Edition
ފޮޓޯ: ޕީޕީއެމް

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރ އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމުގެ ލެގަސީ މި ސަރުކާރަށް ދުއްވާނުލެވޭނޭ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ ރަނިގްމޭޓް ހުސެއިން މުހައްމަދު ލަތީފް(ސެމްބެ) ވިދާޅުވެއްޖެއެވެ.

ސެމްބެ މިހެން ވިދާޅުވީ މިރޭ ޑރ.މުއިއްޒަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް ޢަމަލީ ގޮތުން ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް ބައިވެރިވެ ވަޑައިގެންނެވި ޚާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވި ދިވެހި ރައްޔިތުންގެ ހިތްތަކުގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީނަށް މިޤައުމުގައި އޮތް ތާއީދާއި އެމަނިކުފާނު ކޮށްދެއްވި ޚިދުމަތްތަކީ މިޤައުމުގެ ފަސްގަނޑުން ދުވަހަކުވެސް ފޮހެވިގެންދާނެ ކަންތައްތަކެއް ނޫންކަމަށެވެ. އަދި އެކަނިކުފާނުގެ ލެގަސީ މި ސަރުކާރުން ކިތެންމެ މަސައްކަތެއް ކުރިޔަސް ދުއްވާ ނުލެވޭނޭ ކަމަށް ސެމްބެ ވިދާޅުވިއެވެ.

ސެމްބެ ވިދާޅުވީ ރައީސް ޔާމީނަކީ މި ގައުމުގެ ތަރައްޤީގެ ބާނީ ކަމަށާއި ކިތަންމެ އަނިޔާއެއް ދިނަސް އަދި އެމަނިކުފާނު ފޮރުވައިގެން އުޅުނަސް އެމަނިކުފާނަށް އޮތް ތާއީދު ދުވަހަކުވެސް މިފަސްގަނޑުން ނުފޮހެވޭނެކަމަށެވެ. އެއީ އަޅުގަނޑުމެންގެ ގައިގައި ލޭ ހިނގާހާ ހިނދަކު ކުރަވޭނެ ކަމެއްނޫންކަމަށް ވެސް ސެމްބެ ވިދާޅުވިއެވެ.

“ރައީސް ޔަމީންގެ ލެގަސީ މިސަރުކާރަށް ދުއްވާ ނުލެވޭނެ. އެމަނިކުފާނަކީ މިޤައުމުގެ ތަރައްޤީގެ ބާނީ. ކިތަންމެ އަނިޔާއެއް ދިނަސް، އެމަނިކުފާނު ފޮރުވައިގެން އުޅުނަސް އެމަނިކުފާނަށް އޮތް ތާއީދު ދުވަހަކުވެސް މިފަސްގަނޑުން ނުފޮހެވޭނެ. އެއީ އަޅުގަނޑުމެންގެ ގައިގައި ލޭ ހިނގާހާ ހިނދަކު ކުރަވޭނެ ކަމެއްނޫން.” ސެމްބެ ވިދާޅުވިއެވެ.