English Edition
Dhivehi Edition
ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ:ޕީޕީއެމް

ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ޝަރަފެއް ނޫން ކަމަށާއި އެއީ މަތިވެރި އަމާނާތެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް/ޕީއެންސީ އިން ލ. ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝަހީމް ވިދާޅުވީ ރައީސް ކަމުގެ މަގާމަކީ ސެލްފީ ނެގުމާއި އަދި އަނބިދަރިން ގޮވައިގެން ގައުމުތަކަށް ދަތުރުކުރުން ނޫންކަމަށެވެ.

އެ މަސްއޫލިއްޔަތަކީ ވަރަށް މަތިވެރި އަމާނާތެއް ކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ އެ އަމާނާތް ހަވާލުކުރަން ޖެހެނީ އެ ކަމުގެފުރިހަމަ ޒިންމާ އަދާކުރެވޭވަރުގެ އިލްމާ އަދި ގާބިލިއްޔަތުކަން ހުރި މީހަކާ ކަަމަށެވެ. އަދި މިހާރު ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި އެ ސިފަތައް ހުރި އެންމެ ހައްގުކަން ބޮޑު ކެނޑިޑޭޓަކީ ޑރ. މުހައްމަދު މުއިއްޒުކަމަށެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ މުއިއްޒަކީ ރައްޔިތުންނަށް އާ ބޭފުޅެއް ނޫންކަމަށާ މުއިއްޒު ވަނީ ކެބިނެޓްގައި އަށް އަހަރު ދުވަސް މަސައްކަތް ކުރައްވާފައި ކަމަށެވެ. މުއިއްޒަކީ ވަރަށް ސާބިތުކަމާ މަޑުމައިތިރިކަމާއެކު ހުންނަވާ ބޭފުޅެއް ކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ މުއިއްޒު އަކީ ގައުމުގައި ހަލަބޮލިކަން އުފައްދާ، ހަނގުރާމަ އިއުލާނުކޮށް މުޒާހަރާކޮށް ހަމަޖެހުން ނަގާލާނެ ބޭފުޅެއް ނޫން ކަމަށެވެ.

އިތުރަށް ޝަހީމް ވިދާޅުވީ ރާއްޖޭގައި ތިބި އެންމެ ތައުލީމީ، އެންމެ ތަޖުރިބާކާރު އަދި އެންމެ ހިދުމަތްތެރި ޓީމް އޮތީ ޕީޕީއެމް-ޕީއެންސީގައި ކަމަށެވެ.