ވެރިކަމަށް އައުމަށް ވައުދުތަކެއް ވި ނަމަވެސް ވެރިކަމަށް އައުމަށްފަހު އެ ވައުދުތައް ނުފުއްދެނީ، އެކަމުގެ ގާބިލުކަން ނެތުމުންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ތ. ވޭމަންޑޫގައި ކުރިއަށް ގެންދިޔަ ޑރ.މުއިއްޒުގެ ކެމްޕެއިން ހަރަކާތެއްގައި އަބްދުއް ރަހީމް ވިދާޅުވީ ތަހުތުގައި އިށީންނަމަވެސް ވެރިކަމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެފަދަ މަގާމެއް އަދާކުރައްވާ މީހެއްގެ ކިބައިގައި ވަކި ސިފަތަކެއް ހުންނަން ޖެހޭނެކަން ފާހަގަކުރައްވާ އަބްދުއް ރަހީމް ވިދާޅުވީ އުމެއްގެ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރުމަށް ވަޑައިގަންނަވާ މީހެއްގެ ކިބައިގައި އެކަން ކުރުމަށް ބޭނުންވާ އިލްމީ ގާބިލުކަން ހުނަން ޖެހޭ ކަމަށެވެ. މިއާ އެކު މަސައްކަތުގެ އަމަލީ ތަޖުރިބާވެސް ހުންނަންޖެހޭނެ ކަމަށާ އަދާކުރައްވާ މަގާމަށާ އަދި ރައްޔިތުންނަށް ވަފާތެރިކަމާއި އިހުލާސްތެރިކަންވެސް އެމީހެއްގެ ކިބައިގައި ހުންނަންޖެހޭނެކަމަށެވެ،
މި ސަރުކާރުން ވީ ވައުދުތައް ފުއްދިފައިނުވާކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ މިކަން ސާފުވެގެންދިޔައީ ދެ ވެރިކަމެއް އަޅާ ކިޔާލުމުން ކަމަށެވެ. މި ގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި މުޅިންވެސް ފެނިގެން ދިޔައީ ގައުމާއި ރައްޔިތުންގެ ލާބައަށް މަސައްކަތްކުރެއްވި މަންޒަރުކަމަށެވެ.
މީގެ އިތުރުން އަބްދުއް ރަހީމް ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރަން ބޭނުންވާ ރައްޔިތުންނަށްވެސް އޮތް މަގަކީ ޑރ މުއިއްޒުކަމަށެވެ.