English Edition
Dhivehi Edition

ޑިމޮކްރެޓްސްގެ ވެރިކަމެއްގައި، ޒުވާާނުންގެ ޙިއްސާ އިތުރުކުރައްވަވާނެ ކަމަށާއި ކެބިނެޓުން ފެށިގެން ސަރުކާރުގެ ހުރިހާ ހިސާބެއްގައި ވެސް، ޒުވާނުންގެ ހިއްސާ އެންމެ މަދުވެގެން 30 ޕަސެންޓަށް ބާއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

އިލްޔާސް މިހެން ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުންނަށް ޚާއްޞަކޮށްގެން ސަންގު ޓީވީއާއި ޕީއެސްއެމް ގުޅިގެން އިންތިޒާމްކުރި ރިޔާސީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިލްޔާސް ވިދާޅުވީ ޒުވާނުން ފެންނަނީ ވަޒީފާގެ އަޅުވެތިކަމުގައި ތާށިކޮށްފައި ތިބޭތަން ކަމަށާއި ޑިމޮކްރެޓްސްގެ ވެރިކަމެއްގައި މި އަޅުވެތިކަން ނިމުމަކަށް ގެންނާނެ ކަމަށެވެ.

މީގެ އިތުރުން ވާހަކަ ދަައްކަވަމުން އިލްޔާސް ވަނީ އެ ޕާޓީގެ ވެރިކަމެއްގައި އެންމެ ކުދި ވިޔަފާރިތަކުން ޓެކްސް ނެގުން ހުއްޓާލާ، އާންމު ރައްޔިތުން އަތުން ބޮޑެތި ޓެކްސް ނެގުމުގެ ބަދަލުގައި ބޮޑެތި ކުންފުނިތަކަށް ޓެކްސް މަތިކުރާނެކަމަށެވެ. އަދި މިހާރުގެ ސަރުކާރުން 8%އަށް މަތިކުރި ޖީއެސްޓީ އަނބުރާ 6%އަށް ތިރިކުރާނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ އެ ޕާޓީގެ އަމާޒަކީ ދެކޮޅުޖެހޭ ބިޒްނަސް ޕްރޮޕޯސަލެއް ހިފައިގެން އަންނަ ކޮންމެ މީހަކަށް ވިޔަފާރިއަށް ބޭނުންވާ މާލީ އަދި ފަންނީ އެހީ ފޯރުކޮށްދިނުން ކަމަށެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި ފަރުދުންގެ އާމްދަނީ އިތުރުވާތަނެއް މިހާރު ނުފެންނަ ކަމަށާއި ޑިމޮކްރެޓްސްގެ ވެރިކަމެއްގައި، އިރާދަކުރެއްވިއްޔާ ފަރުދުންގެ އާމްދަނީ ފަސް ގުނަ އިތުރުކޮށްދޭނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ “ފަރުދުންގެ ފުދުންތެރިކަން-އަބުރުވެރި ހަޔާތެއް” ޝިއާރުގެ ދަށުން އަމާޒެއް ކަމަށް ހަދާފައިވަނީ ފަރުދުންނާއި ގޭބިސީތަކަށް ވަންނަ އާމްދަނީ ފަސް ގުނަ އިތުރުކުރުމަށެވެ.