ޑރ މުފްލިޙާ އާއި އެކު ސުވާލެއް، މި ސެގްމެންޓްގެ 3 ވަނަ ބައިގައި މިގެނެސްދެނީ ފިރިހެނެއްގެ ހަޔާތުގައި، އުމުރުގެ ދެ ދައުރެއްގައި އޭގެ ސައިޒުން ބޮޑުވެ ބަދަލު އަންނަ ގުނަވަނެއް ކަމަށްވާ ޕްރޮސްޓޭޓް ގްލޭންޑްއާއި ޕްރޮސްޓޭޓް ގްލޭންޑް ދުޅަވުމުގެ މައްސަލައާއި ގުޅޭ މުހިއްމު މައުލޫމާތު ތަކެކެވެ.
ޑރ މުފްލިޙާ އަކީ ރެޑިއޮލޮޖީގެ ރޮނގުން ހާއްސަ ވެފައިވާ ޑޮކްޓަރެކެވެ. ރެޑިއޮލޮޖިސްޓުންނަކީ އިމޭޖިން (އެކްސްރޭ، އެމް.އާރ.އައި، ސީ.ޓީ ކަހަލަ ވަސީލަތްތައް) ބޭނުންކޮށްގެން ބަލި ދެނެގަންނަ ޑޮކްޓަރުންނެވެ
ޕްރޮސްޓޭޓް ގްލޭންޑް އަކީ ކޮބާ؟
މިއީ ކުޑަކަމުދާ ތަކެތި ޖަމާވާ ގުނަވަންކަމަށް ވާ “ބްލެޑާ” (ދިވެހިން ކިޔާ އުޅެނީ މަސާނާ) ގެ ތީރީގައި ކުޑަކަމުދާ ތަކެތި ގައިން ބޭރުވާ ހޮޅީގެ ވަށައިގެންވާ ގްލޭޑް އެކެވެ. މިގްލޭންޑްގެ ބޭނުމަކީ ދަރިފަނި ދައުރުކުރާ ދިޔައިގެ، ބައެއް އުފައްދާ ދިނުމެވެ.
މި ގްލޭންޑަކީ ފިރިހެނެއްގެ ހަޔާތުގައި އުމުރުގެ ދެ ދައުރެއްގައި އޭގެ ސައިޒުން ބޮޑުވެ ބަދަލުއަންނަ ގުނަވަނެކެވެ .ފުރަތަމަ މިބަދަލު އަންނަނީ ބާލިޣުވާ އުމުރަށްއަޅާ އިރު އެވެ. މިމަރުހަލާގަ ޕްރޮސްޓޭޓް ގްލޭންޑްގެ ސައިޒު ދެގުނަވެގެންދެއެވެ. ދެން ޢުމުރުން 25 އަހަރުން ފެށިގެން އަނެއްކާވެސް މިގްލޭންޑްގެ ސައިޒަށް ބަދަލުއަންނަން ފަށައެވެ.
ޕޮރޮސްޓޭޓް ދުޅަވުމަކީ( ބިނައިން ޕޮރޮސްޓެޓިކް ހައިޕާ ޕްލާޒިޔާ/ބީ.ޕީ.އެޗް) ކޮބާ؟
އުމުރުން 40-50 އަހަރުގައި ޕްރޮސްޓޭޓް ގްލޭންޑް ދުޅަވުމުގެ އުނދަގޫތައް ތަހަންމަލު ކުރަންޖެހިދާނެއެވެ. ނަމަވެސް ތަފާސް ހިސާބުތަކަށް ބަލާކަމުގައިވަނީ ނަމަ 50 އަހަރުން މަތީގެ އުމުރުފުރާގައި %50 މީހުން ކަމުގައި ގިނަ ދިރާސާތަކުން ދައްކައެވެ. އަދި އުމުރު މަތި ވާވަރަކަށް މި ޕަސެންޓް އިތުރުވެގެންދެއެވެ. ވަކި ސަބަބަކާހުރެ ދިމާވާ ހާލަތެއްކަމަށް ހޯދިފައިނުވާ ހިނދު އުމުރު މަތިވުމަކީ މިހާލަތު ދިމާވުން ގާތް ކަމެއް ކަމުގައި ދިރާސާތަކުން ދައްކައެވެ.
ޕޮރޮސްޓޭޓް ދުޅަވުމުން( ބިނައިން ޕޮރޮސްޓެޓިކް ހައިޕާ ޕްލާޒިޔާ/ބީ.ޕީ.އެޗް) ފެންނާނީ ކޮން އަލާމަތް ތަކެއް؟
ފެންނަ އަލާމަތްތައް ބިނާވެފައިވަނީ މި ގްލޭންޑް ދުޅަވެ މަސާނާއިން ކުޑަކަމުދާތަކެތި ދައުރުވުމަށް ބުރޫއެރުމާއި އެވެ.
* ކުޑަކަމު ދާން ފެށުމަށް އުނދަގޫވުން
* ކުޑަކަމުދާ ތަކެތި މަދުން ބޭރުވުން
* މަސާނާ އެއްކޮށް ހުސްނުވާ ކަމުގެ އިހުސާސް ވުން
* އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން އަދި ތިކިޖެހި ޖެހި ހުރުން
* ކުޑަކަމުދާ ޕްރެޝަރަށް ބަދަލުއައުން
* ރޭގަނޑު އަވަސް އަވަހަށް ކުޑަކަމުދާން ތެދުވާން ޖެހުން
* ކުޑަކަމުދާން އުނދަގޫވުން
* ކުޑަކަމުދާ އިރު ދިލަނެގުން
ޕްރޮސްޓޭޓް ދުޅަވެފައިވާ ކަން ދެނެގަންނާނީ ކިހިނެއް؟
– ޕްރޮސްޓޭޓްގެ ސައިޒް، އެއްވެސް ގަނޑުކޮޅެއްހުރިތޯބެލުން (ކެންސަރުގެ އަލާމާތައް ޝައްކުކުރެވޭ)
– މަސާނާއަށް އައިސްފައިވާ ބަދަލުތައް ( ކުޑަކަމުދާ ތަކެތިބޭރުވުމަށް ކުރިން ދެންނެވި ގޮތައް ހުރަސް އެޅިފައިވާ ތީ އަންނަބަދަލުތައް) އިންފެކްޝަންގެ އަސަރު، ހިލައުފެދިފައި ވޭތޯ
– ކިޑްނީ (ދިވެހިން ކިޔަނީ ގުރުދާ) އަށް ބަދަލެއް އައިސްފައިވޭތޯ (މިއީ،ގިނަދުވަސްތަކެއް ވަންދެން ކުޑަކަމުދާ ތަކެތި ބޭރުވުމަށް ހުރަސް އެޅިފައިވާތީ ދިމާވެދާނެ ހާލަތްތަކެއް)
– ކުޑަކަމުދިއުމަށްފަހު މަސާނާގައި ބާކީ ހުންނަ ވަރު ބެލުން
– ގުރުދާގެ މަސައްކަތް ބެލުމަށް ކްރިއެޓިނިން ފަދަ ބައިތައް
– ޕީ.އެސް.އޭ/ޕްރޮސްޓޭޓް ސްޕެސިފިކް އެންޓީޖަން (ކެންސަރުގައި މަތިވާ މާއްދާއެއް)
6.ޕްރޮސްޓޭޓް ގްލޭންޑްގެ ކެންސަރަށް ޝައްކުކުރެވެނީނަމަ އެމް.އާރ.އައި ސްކޭން ހެދުން
7.ޕްރޮސްޓޭޓް ގްލޭންޑްގެ ކެންސަރަށް ޝައްކުކުރެވެނީނަމަ ބައޮޕްސީ ހެދުން ( ޝައްކުކުރެވޭ ހިސާބުން ޓިޝޫ ސާންޕަލްއެއް ނެގުން)
ޕްރޮސްޓޭޓް ދުޅަވުމުން ދެވޭނީ ކޮންފަރުވާއެއް؟
ފަރުވާ ބެހިގެންވަނީ ތިންބަޔަކަށެވެ. އެއީ ދިރިއުޅުމުގެ ވައްޓަފާޅި އަށް ބަދަލު ގެނައުން، ދުޅަތިރިކުރުމަށް ދެވޭ ބޭސް، އަދި ދުޅަކަން ބޭސް ބޭނުންކުރުމުން ވެސް ރަނގަޅުނުވާކަމުގައި ވަނީނަމަ އޮޕަރޭޝަން ކުރުމެވެ.
އިސްވެބަޔާން ކުރިގޮތަށް ހުރިހާ އަލާމާތެއް އަދި މިހާލަތު ދިގުލައިގެން ދިއުމުން ދެން ދިމާވާ ކަންކަން (އިންފެކްޝަން، ގުރުދާގެ މައްސަލަތައް، ހިލައުފެދުން، ޕްރޮސްޓޭޓް ކެންސަރު ) މިއީ ދޭދޭ ފަރުދެއްގެ ދެމެދުގާ ފަރަގުވާ ކަންކަމަށް ވާތީ ޑޮކްޓަރުގެ (އާންމުކޮށް ފަރުވާދެއްވާނީ ސާޖަރީ ޑޮކްޓަރުން ނޫނީ މިކަމަށް ހާއްސަ ވެފައިވާ ޔޫރޯލޮޖިސްޓުން) އިރުޝާދުގެ ދަށުން އެ ބަލިމީހާގެ ހާލަތައް ރިޔާއެއްކޮށް ފަރުވާ ބައްޓަންކުރެވެއެވެ.
މިކަން ތަހަމްކުރައްވާ ބޭފުޅުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވިދާނެ ބަދަލުތަކުގެ ތެރޭގައި:
-ރޭގަނޑު ދިޔާތަކެތި ބޭނުން ކުރުން މަދުކުރުން
– ކެފޭން އެކުލެވޭ ބުއިންތައް މަދުކުރުން (ކޮފީ، ސައި އަދި އެހެނިހެން)
-ކުޑަކަމުދާންޖެހުމުން ގިނައިރު ހިފަހައްޓައިގެން ނުހުރުން
-މަސާނާ ރަނގަޅަށް ހުސްކުރުމަށް ދެފަހަރުން ވީނަމަވެސް ކުޑަކަމު ރަނގަޅަށް ދިއުން
– ބަރުދަން އިސްކޮޅާއި އަޅާ ހުންނަންޖެހޭ މިންވަރުގައި(ބީ.އެމް.އައި) ބެހެއްޓުން ( ބަރުވުމަކީ ޕްރޮސްޓޭޓް ބޮޑުވުމަށް ރިސްކް ފެކްޓަރ އެއް ކަމުގައި ގިނަ ދިރާސާ ތަކުން ދައްކައެވެ) މިގޮތުން މިންހެޔޮ ކާނާ ބޭނުން ކުރުމާއި ކަސްރަތުކުރުން
– ޕްރޮސްޓޭޓް އިތުރަށް ދުޅަވުމަށް މަގުފަހިވާ ކަމަށް ދައްކާ ބޭސް ކަމުގައިވާ ބޭސް ގިނައިން ބޭނުން ނުކުރުން ( ބައެއް ރޯގާގައި ދެވޭ ބޭސް މިސާލަކަށް ސިޓްރެޒިން ކަހަލަ އެނިޓިހިސްޓަމިން، ސޫޑޮއެފެޑްރިން ކަހަލަ ޑީކޮންޖެސްޓަންޓް )