ޑރ މުފްލިޙާ އާއި އެކު ސުވާލެއް، މި ސެގްމެންޓްގެ 8 ވަނަ ބައި ހާއްސަ މިކޮއްލަނީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން ގިނަވަމުން އަންނަ ނުރައްކާތެރި ހާލަތެއްކަމަށްވާ “ސްޓްރޯކް” ޖެހުމާއި ބެހޭގޮތުންނެވެ.
ޑރ މުފްލިޙާ އަކީ ރެޑިއޮލޮޖީގެ ރޮނގުން ހާއްސަ ވެފައިވާ ޑޮކްޓަރެކެވެ. ރެޑިއޮލޮޖިސްޓުންނަކީ އިމޭޖިން (އެކްސްރޭ، އެމް.އާރ.އައި، ސީ.ޓީ ކަހަލަ ވަސީލަތްތައް) ބޭނުންކޮށްގެން ބަލި ދެނެގަންނަ ޑޮކްޓަރުންނެވެ. ޑރ މުފްލިޙާ ގަބޫލުކުރައްވަވާ ގޮތުގައި ބަލި މީހާ އަށް ތަފްސީލްކޮށް އޭނާ އަށް ދިމާވެފައިވާ ހާލަތު ބަޔާންކޮށް ދިނުމަކީ ވަރަށް މުހިންމުކަމެވެ. ވުމާއެކު ސިލްސިލާކޮށް ގެނެސްދޭ މި ސެގްމެންޓްގައި ގެނެސް ދެވޭނީ ދިވެހިރާއްޖެއިން އާންމުކޮށް ފެންނަބައެއް ބަލިތަކާއި އިމޭޖިން ބޭނުންކޮށްގެން ކުރެވޭ ތަހުލީލްތަކުގެ މައްޗަށް ބިނާކުރެވިގެންނެވެ.
ސްޓްރޯކް ޖެހުމަކީ ކޮބާ؟
މިއީ ސިކުނޑިއަށް ލޭފޯރުކޮށްދޭ ލޭހޮޅިތަކުގައި ލޭގަނޑުވުމުވުން ނޫނީ ލޭހޮޅިއެއް ފަޅައިގެން ދިއުމުން، އެލޭހޮޅިން ލޭފޯރުކޮށްދޭ ހިސާބަށް ލޭ ނުދިއުމުގެ ސަބަބުން ސިކުނޑީގެ މަސައްކަތަށް ބުރޫއެރެމެވެ.
ސްޓްރޯކްޖެހުމަށް ދިމާވާސަބަބު ތަކަކީ ކޮބާ؟
* ގައިގަޔަށް ނާރާބަލިތައް ކަމުގައިވާ ލޭގެ ޕްރެޝަރ މައްޗަށްދާ ފަރާތްތައް، ހަކުރުބަލި އަދި ކޮލޮސްޓެރޯލް މައްޗަށް ދާ ފަރާތްތަކުގެ ލޭ ހޮޅިތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން (އެތެރެ ފަށަލައިގާ ސަރުބީ ޖެހުމާއި، ހޮޅި ހަރުކަށި ވުމާއި ލޭދައުރުކުރާ މަގު ހަނިވުންކަހަލަ) އެހޮޅިތަކުގައި ލޭގަނޑުވަން ދިމާވުން ނޫނީ ލޭހޮޅި ފަޅައިގެން ދާހާލަތްތައް މެދުވެރިވުމެވެ.
* ލޭހޮޅި ފަޅައިގެން ދިއުމުން މިކިޔެނީ ” ހެމަރެޖިކް ސްޓްރޯކް” ނޫނީ ބޮލަށް ލޭ އެރުމެވެ. މިހާލަތު ގިނައިން ފެންނަނީ ލޭގެ ޕްރެޝަރު މަތިވާ ފަރާތްތަކުގެ މެދުގައެވެ. އަދި ޒުވާން އުމުރުގައި ފެނިއްޖެނަމަ ލޭ ހޮޅީގައި ގުދުރަތީ ގޮތުން ހުންނަ އައިބެއް (އެނިއުރިޒަމް- ދުޅަވެ ތުނިވެފައިވާ ވަށާފާރުގެ ބައެއް) ގެ ސަބަބުން ލޭހޮޅި ފަޅައިގެންދިއުން ހިމެނެއެވެ.
* ލޭހޮޅީގައި ލޭގަނޑުވުމުން ޖެހޭ ސްޓްރޯކަށް މިކިޔެނީ ” އިސްކިމިކް ސްޓްރޯކް” އެވެ. މިއީ އެންމެގިނައިން ފެންނަ ވައްތަރުގެ ސްޓްރޯކެވެ.
* ހިތުގެ ވިންދަށް އަދި ހިނގުމަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ހިތުގައި އުފެދޭ ގަނޑުލޭކޮޅެއް ސިކުނޑިއަށް ދަތުރުކޮށް ސިކުނޑީގެ ކުދި ލޭހޮޅިތައް ބެދުމުން ޖެހޭ ސްޓޮރޯކަކީ “އިސްކިމިކް” ސްޓްރޯކްގެ ވައްތަރެކެވެ. މިއަށް ކިޔާ އުޅެނީ “އެންބޮލިކް” ސްޓްރޯކްއެވެ.
ފެންނާނެ އަލާތްމާތްތަކަކީ ކޮބާ؟
– މޫނުގެ އެއްފަޅިން ވާގިނެތި އައްސިވާ ގޮތް ވުން
– ލޮލުގެ ފެނުމަށް ބަދަލު އައުން- އެއްލޯ ނުވަތަ ދެލޯ ކުއްލިއަކަށް ފުސްވެ ނުފެނުން
– ގައިގެ އެއްފަޅިން ވާގި އެއްކޮށް ދިއުން ނޫނީ ވަރު ދެރަވުން
– ވާހަކަ ދައްކަން އުނދަގޫވުން ނޫނީ ދައްކާ ވާހަކަ އޮޅުން ނުފިލުން
– ކުއްލިއަކަށް ވާނުވާ ނޭގުން ނޫނީ ހޭވެރިކަން ގެއްލުން
– ކާއެއްޗެތި ދިރުވުމަށް އުންދަގޫވުން
– ކުރިން ބޮލުގައި ނުރިހޭގޮތަކަށް ކުއްލިއަކަށް ބޮލުގައި ރިއްސަން ފެށުން
– ބައެއްފަހަރަށް ކުޑަކަމުދިއުމަށް އުނދަގޫވުން ވެސް ފެނިދާނެ
ސްޓްރޯކް ޖެހިފައިވާކަން ދެނެގަންނާނީ ކިހިނެއް؟
– މިއީ އެކްސްރޭ ރޭޑިއޭޝަން ދޯދީގެ ނުރަގަނޅު އަސަރު ލިބިގެންދާ ވަސީލަތެކެވެ. ނަމަވެސް މިއީ ކުއްލި އަދި އިމެޖެންސީ ހާލަތުގައި ދޭންވީ އަވަސް ފަރުވާ ބެލުމަށް ކުރެވޭ އެންމެ މުހިންމު ތަހުލީލެވެ. ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައި ކުރެވޭ ސްކޭނުން ކުރީގައި ބަޔާންކުރެވުނު ގޮތަށް “ހެމަރޮޖިކް” ސްޓްރޯކް ތޯ ނޫން ތޯ ބެލިގެންދެއެވެ. ފާހަގަކޮށްލަންވީ ކަމަކީ “އިސްކިމިކް” ސްޓްރޯކް ކަން އަލާމާތް ފެށޭތާ ފުރަތަމަ 24 ގަޑި އިރު ސްކެއިން އިން ނުދައްކަފާނެ ކަމެވެ.
“ހެމަރޮޖިކް” ސްޓްރޯކްއެއް ކަމުގައި ވަނީ ނަމަ ހިތުން ބޮލަށް ލޭ ފޯރުކޮށްދޭ ލޭ ހޮޅިތަށް ބެލުމަށް ބޮލުގެ “ސީ.ޓީ އެންޖިއޮގްރާމް” ( މިއީ ހާއްސަ ޑައިއެއް ލޭހޮޅިތަކަށް ފޮނުވާލާ ސީ.ޓީ ސްކޭން ގެ ޒަރިއްޔާއިން ލޭހޮޅި ބަލާލުން) ހަދަން ޖެހޭ ހާލަތުގައި ހެދިގެންދެއެވެ. ކުރިން ފާހަގަކޮށްލި “އެނިއުރިޒަމް” ހުރިތޯ ކަށަވަރުވެސް ކޮށް ލެވެއެވެ.
މިއި ރޭޑިއޭޝަންގެ ދޯދީގެ ނުރަގަނޅު އަސަރު ނުކުރާ ވަސީލަތެކެވެ. ފުރިހަމަ ސްކޭނެއް(ހަދަން ޖެހޭ ހުރިހާ ސީކުއެންސެއް) ހެދުމަށް ވަގުތުނަގާ ވަސީލަތެއް ކަމުގައި ވީނަމަވެސް މަދު ސީ ކުއެންސް (ޑީ.ޑަބްލިއު.އައި ސީކުއެންސް) ގެ އެހީގައި ބަލީގެ ފުރަތަމަ 24 ގަޑި އިރު ތެރޭ “އިސްކިމިކް” ސްޓްރޯކްކަން ކަށަވަރު ކުރެވިދާނެއެވެ. މި ވަސީލައް އާންމު ގޮތެއް ގައި އަވަސް ފަރުވާ ދޭން ހަދަން ބޭނުންޖެހިއްޖެ ހާލަތެއްގައި ހެދިގެންދެއެވެ.
ސްޓްރޯކްގައި ދެވެނީ ކޮންފަރުވާއެއް؟
ފަރުވާ ބެހިގެންވަނީ ތިންބަޔަކަށެވެ.
1- އަވަސް ފަރުވާ
– އަލާމަތްތައް ފެންނަން ފަށާތާ ފުރަތަމަ 4 ގަޑިއިރަކީ ވަރަށް މުހިންމު ވަގުތުކޮޅެކެވެ. މިއީ ހާއްސަކޮށް ގިނައިން މިފެންނަ “އިސްކިމިކް” ސްޓްރޯކް ގައި ދެވޭ ފަރުވާއަށް މުހިންމު ވަގުތުކޮޅެކެވެ. އެހެނީ ދެވޭ އަވަސް ފަރުވާއިން ބެދިފައިވާ ލޭހޮޅިތައް ހުޅުވި އަލުން ލޭދައުރުކުރުން އިޔާދަކުރެވޭތީވެއެވެ.
ހ. ދެވޭ ބޭހުން:
* “އިސްކިމިކް” ސްޓްރޯކް ގެ ފުރަތަމަ 3 ގަޑިއިރު އަދި 4.5 ގަޑިއިރުވުމުގެ ކުރިން އައިވީ އެއްގެ ގޮތުގައި ދެވޭ “ޓިޝޫ ޕްލާސްމިނޯޖަން އެކްޓިވޭޓަރ (ޓީ.ޕީ.އޭ) އަކީ ކުރިން އިޝާރަތް ކުރިފަދައިން ބޮލުގެ ސީ.ޓީ. ސްކޭނިން ބޮލަށް ލޭއަރާފައިނުވާކަން ކަށަވަރުކޮށްފައި ދެވޭ، ލޭހޮޅީގައި ގަނޑުވެފައިވާ ލޭކޮޅު ދިޔާކޮށްލާ ބޭހެކެވެ. އަދި އެހެންމެ 4.5 ގަޑިއިރަށް ވުރެއް ލަހުން ހޮސްޕިޓަލާ ހަމައަށް ގެނެވޭ ބަލިމީހުންނަށް ލޭދިޔާ ކުރާ ބޭސް ކަމަށް ވާ އެސްޕިރިން ނުވަތަ ކްލޮޕެޑޮގްރިލް ފަދަ ބޭސް ބޭނުން ކުރެވެއެވެ. މިބޭސްތަކުން ގަނޑުވެފައިވާ ލޭކޮޅު ބޮޑުވިޔަނުދޭން އެހީތެރިވެދެއެވެ.
* “ހެމަރޮޖިން” ސްޓްރޯކް ގައި ދެވޭ ބޭހުގެ މަގްސަދަކީ ލޭގެ ޕްރެޝަރު ވަކި މިންވަރަކަށް ތިރިކޮށްލާ ލޭބޮލަށް އިތުރަށް އެރުން ކުޑަކުރުމެވެ. އަދި އެހެންމެ ލޭދިޔާކުރާ ބޭހެއް ބަލިމިހާ ކަމުން ދާނަމަ އެ ހުއްޓާލައެވެ.
2- ނުފަޅާ ކުރެވޭ ސަރޖަރީ އާއި ފަޅައިގެން ކުރެވޭ ސަރޖަރީ-
* “ތްރޮމްބެކްޓޮމީ” – މިއީ “އިސްކިމިކް” ސްޓްރޯކްގައި އާންމު ގޮތެއްގައި ފައިގެ މައި ލޭހޮޅިއަކުން، ކަމަށް ހާއްސަ ކުރެވިފައި ވާ ކެތަޓޭއެއްގެ ބެނުންކޮށްގެން، ހާއްސަ އެކްސްރޭ މެޝިންގެ ޒަރީއްޔާއިން ޑައި ދޫކޮށް ބެދިފައިވާ ލޭހޮޅި ހޯދާ އެހޮޅީގައިވާ ގަނޑުވެފައި ވާ ލޭކޮޅު ދަމައިގަތުމެވެ. މިހެން ހެދުމަށް ފަހު ސްޓެންޓް އެއް ލެވިގެންދެއެވެ.
* ” ޑީކޮމްޕްރެޝަން ސަރޖަރީ” މިއީ “ހެމަރޮޖިކް” ސްޓްރޯކްގައި ކުރެވޭ އޮޕަރޭޝަން އެކެވެ. ފުރަތަމަ ފަރުވާ ކުރިން ދެންނެވިގޮތަށް ދިނުމަށް ފަހުވެސް ހާލަތު ގޯސްވެ ސިކުނޑި ދުޅަވެގެންދާ ހާލަތުގައި ބޮލުގެ ނާށިގަނޑުގެ ބައެއް ނެގިގެންދެއެވެ.
* “ކްލިޕްކުރުން ނޫނީ އެމްބޮލައިޒޭޝަން” – މިއީ އެނިއުރިޒަމްގެ ސަބަބުން ބޮލަށް ލޭއެރުމުން ކުރެވޭ، އާންމު ގޮތެއްގައި ފައިގެ މައި ލޭހޮޅިއަކުން، ކަމަށް ހާއްސަ ކުރެވިފައި ވާ ކެތަޓޭއެއްގެ ބެނުންކޮށްގެން، ހާއްސަ އެކްސްރޭ މެޝިންގެ ޒަރީއްޔާއިން ޑައި ދޫކޮށް ފަޅައިގެން ގޮސްފާވާ ލޭހޮޅި ހޯދުމަށްފަހު ކްލިޕް ނުނީ އެންބޮލައިޒްކުރުމެވެ.
3- ރީހެބިލިޓޭޝަން: މިއީ ދިގުމުއްދަތަކަށް އަމާޒުކޮށް ބޭސް އައި ފިޒިއޮތެރަޕީގެ އެހީގައި ވާގިނެތިފައިވާ ފަރާތުގެ ހަރަކާތްތައް އަލުން އަނބުރާ ގެނައުމަށް ބައްޓަން ކުރެވޭ ފަރުވާއެކެވެ. މިކަމުގައި ފިޒިއޮތެރަޕިސްޓުންގެ ދައުރުވަރަށް ބޮޑެވެ.
އިސްވެބަޔާން ކުރިގޮތަށް ފެންނާނެ އަލާމާތްތައް އަދި ލިބިދޭންޖެހޭ ފަރުވާއަކީ ދޭދޭ ފަރުދެއްގެ ދެމެދުގާ ފަރަގުވާ ކަންކަމަށް ވާތީ ޑޮކްޓަރުގެ (ކުއްލިފަރުވާ ގައި މަސައްކަތްކުރައްވާ ޑަކްޓަރުން، އެތެރެހަށީގެ ޑަކްޓަރުން، ނާރުގެ ޑަކްޓަރުން ކަމަށްވާ ނިއުރޮލޮޖިސްޓުން ނޫނީ ނިއުރޮސާރޖަނުން އަދި އިންޓަވެންޝަނަލް ރޭޑިއޮލޮޖިސްޓުން) އިރުޝާދުގެ ދަށުން އެ ބަލިމީހާގެ ހާލަތައް ރިޔާއެއްކޮށް ފަރުވާ ބައްޓަންކުރެވެއެވެ.
މި ގަޔަންގަޔަށް ނާރާ ބައްޔަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި އާ ގުޅުން ހުރި ކަންކަމަށްވާ މިންހެޔޮކާނާ ނުކެއުމާއި ހެލިފެލިވެ އުޅޭމިނަވަރު މަދުވުމާއި، ދުންފަތާއި ވޭޕްކުރުމާއި ގުޅުނެހުރިކަމެކެވެ. ވީމާ، މިންހެޔޮ ކާނާ އަދި މަދުވެގެން 30 މިނެޓް ހަފުތާއަކު 5 ދުވަހު ކަސްރަތުކުރުމަށް އާދަ ކުރުމާ އެކު އެކީ ދުންފަތާއި ވޭޕުކުރުމާ ދުރުވަން އަޒުމުކަނޑައަޅަމާތޯއެވެ. އަދި އެހެންމެ ލޭމައްޗަށްދާ ފަރާތްތަކާއި ހަކުރުބަލި އަދި ކޮލެސްޓެރޯލް މައްޗަށް ދާފަރާތްތަކުން ފަރުވާއަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމުކަމެކެވެ.