ޑރ މުފްލިޙާ އާއި އެކު ސުވާލެއް، މި ސެގްމެންޓްގެ 10 ވަނަ ބައި ހާއްސަ މިކޮށްލަނީ އަންހެނުންގެ މެދުގައި މައްސަރުކަންތަކާ ގުޅުން ހުންނަ އާންމުކޮށް ފެންނަ ހާލަތެއް ކަމުގައިވާ “އެންޑޮމެޓްރިއޯސިސް” އަށެވެ.
ޑރ މުފްލިޙާ އަކީ ރެޑިއޮލޮޖީގެ ރޮނގުން ހާއްސަ ވެފައިވާ ޑޮކްޓަރެކެވެ. ރެޑިއޮލޮޖިސްޓުންނަކީ އިމޭޖިން (އެކްސްރޭ، އެމް.އާރ.އައި، ސީ.ޓީ ކަހަލަ ވަސީލަތްތައް) ބޭނުންކޮށްގެން ބަލި ދެނެގަންނަ ޑޮކްޓަރުންނެވެ. ޑރ މުފްލިޙާ ގަބޫލުކުރައްވަވާ ގޮތުގައި ބަލި މީހާ އަށް ތަފްސީލްކޮށް އޭނާ އަށް ދިމާވެފައިވާ ހާލަތު ބަޔާންކޮށް ދިނުމަކީ ވަރަށް މުހިންމުކަމެވެ. ވުމާއެކު ސިލްސިލާކޮށް ގެނެސްދޭ މި ސެގްމެންޓްގައި ގެނެސް ދެވޭނީ ދިވެހިރާއްޖެއިން އާންމުކޮށް ފެންނަބައެއް ބަލިތަކާއި އިމޭޖިން ބޭނުންކޮށްގެން ކުރެވޭ ތަހުލީލްތަކުގެ މައްޗަށް ބިނާކުރެވިގެންނެވެ.
އެންޑޮމެޓްރިއޯސިސް އަކީ ކޮބާ؟
އެންޑޮމެޓްރިއޯސިސްއަކީ ރަހިމުގެ އެތެރެފަށަލަގައި ހުންނަ ސެލްތައް ފަދަ ސެލް، ރަހިމުގެ ބޭރުގައި އަށަ ގަނެފަހުރުމުގެ ސަބަބުން ފެންނަ އަލާމާތްތަކަކަށް ހިމެނޭ ހާލަތެކެވެ. މިގޮތުން އޯވަރީގައި އަށެގަނެފިނަމަ އެންޑޮމެޓްރިއޮޓިކް ސިސްޓު ކިޔެއެވެ. ރަހިމުގެ މަސްގަނޑުގައި ހަރުލާފައިވާނަމަ “އެޑެނަމައޯސިސް” ކިޔެއެވެ. އަދިއެހެންމެ ރަހިމުގެ ވަށައިގެންހުންނަ އެހެން ގުނަވަންތައް (ގޮހޮރު، ބްލެޑާ ނުވަތަ މަސާނާ) އަދި އެހެންމެ ބަނޑުގެ ރަހިމުވާ ސަރަހައްދުގެ ވަށާފާރުގައި އަށަ ގަންނަކަށް ފާހަގަ ކުރެވެއެވެ.
މިހާލަތު ދިމާވާ ސަބަބު ތަކަކީ ކޮބާ؟
މައިގަނޑު ސަބަބެއް އަދި ހޯދިފައި ނުވާހިނދު ދިރާސާތަކުން ދައްކާ ގޮތުން ފާހަގަ ކުރެވޭ ބައެއް ސަބަބުތައް ބަޔާންކޮށްލާނަމެވެ.
* އާއިލާގެ ތެރޭގައި މިހާލަތު ވާރުތަވަމުން އަންނަކަމެއްކަމުގައި ފާހަގަކުރެވެއެވެ.
* ބައެއް ހާލަތްތަކުގައި މައްސަރުގެ ލެޔާ އެކުއެކީ ރަހިމުގެ އެތެރެފަށަލައިގެ ސެލްތައް، ބިސް ދައުރުކުރާ ހޮޅި ތެރެއިން ލާފައި ފަހަތަށް ދައުރުކޮށް ބަނޑުތެރެއަށް އެޅޭ ފަހަރުގައި މިސެލްތައް ކުރިން ދެންނެވި ތަންތަނުގައި އަށަގަނެއެވެ. މިއަށް މިކިޔަނީ “ރެޓްރޯގްރޭޑް މެންސްޓުރޭޝަން” އެވެ.
* ފުރާވަރަށް އަރާ ދުވަސްވަރު އަންހެން ހޯމޯންކަމަށް ވާ “އީސްޓްރޯޖަން” ކުރިންދެންނެވި ތަންތަނުގައި ހުންނަ “އެންބްރިއޮނިކް” ސެލްތައް ރަހިމުގެ އެތެރެފަށަލައިގެ ހުންނަ ސެލްތަކަށް ބަދަލުކޮށްލައެވެ.
* ރަހިމަށް ލޭފޯރުކޮށްދޭ ލޭހޮޅިތައް ނޫނީ ލިންފެޓިކް ހޮޅިތަކުން ރަހިމުގެ ފަށަލައިގެ ސެލްތައް އެހެންގުނަވަންތަކަށް ގެންދިއުން މީވެސް ރިސާޗްތަކުގެ އަލީ ގައި ފާހަގަކޮށްލެވޭ ކަމެކެވެ.
* ބައެއްފަހަރު ސިޒޭރިން ސާޖަރީއަށް ފަހު ލަކުނު އަދި ލަކުނު ކާރީ ތަންތަނުގައި ސެލްތައް އަށެގަންނަކަން ފާހަގަކުރެވިފަވެއެވެ.
* ބައެއްފަހަރަށް ހަށިގަނޑުގެ ދިފާއީ ބާރުގެ، މިސެލްތައް ނައްތާލާ ސިސްޓަމް ރަގަނގަޅަށް މަސައްކަތް ނުކުރުން ވެސް ހިމެނެއެވެ.
ފެންނާނެ އަލާތްމާތްތަކަކީ ކޮބާ؟
1.މައްސަރުކަންތައްތަކަށް އަންނަ ބަދަލު:
– ގަދަ ތަދެއް އިހުސާސް ވުން
– ގިނައިން ލޭފޭބުން
– ކުޑަ އަދި ބޮޑުކަމުދާއިރު ތަދު އިހުސާސް ވުން، ހާއްސަ ކޮށް ޕީރިއަޑް ވާ ދުވަސްކޮޅު
– ކުޑަކަމުދާ ތަކޭތީ ގައި ލޭހުރުން
– ބަނޑުހަރުވުން ނޫނީ ބަނޑު ދިޔާވުން
– ބަނޑުގައި ވައި ހެދުން
– ޖިންސީ ގުޅުން ހިންގާއިރު ތަދުވުން
– ދަރިމައިވުމަށް އުނދަގޫވުން
– ވަރުބަލިވުން
– ހިތް ނުތަނަވަސްވުން
އެންޑޮމެޓްރިއޯސިސް ދެނެގަންނާނީ ކިހިނެއް؟
– މިތަހުލީލު ދެގޮތަކަށް ހެދިގެން ދެއެވެ. އެއީ ބަނޑުގެ މަތިން(ޓްރާންސް އެބްޑޮމިނަލް) ކުރެވޭ އަދި އެހެންމެ ކުރިމަތިފަރާތުން އެތެރެއަށް ލުމަށްފަހު ހެދޭ ސްކޭން ( ޓްރާންސް ވެޖައިނަލް ސްކޭން) ހިމެނެއެވެ.
– ބެލޭނެ ކަންކަމުގެ ތެރޭގައި ރަހިމު ބޮޑުވެފައިތޯ ( މިއީ ރަހިމުގެ އެތެރެ ފަށަލައިގެ ސެލް، ރަހިމުގެ މަސްގަނޑުގައި އަށަގަތުމުން ކިޔޭ “އެޑެނެމައޯސިސް” ހުރިތޯ ބެލުމަށް) ، އޯވަރީ ގައި އެންޑޮމެޓްރިއޯޓިކް ސިސްޓު ހުރިތޯ، ރަހިމު ފަހަތައް ލެނބިފައިވޭތޯ (މިއީ ރަހިމުގެ ވަށައިގެން ކުރިންދެންނެވިގޮތަށް ސެލްތައް އަށެގަތުމުން ކުރަލާ ތަތްލުމާގުޅިގެން ފެނިދާނެ ސިފައެއް)، އޯވަރީ ވެސް ކުރިންދެންނެވިގޮތަށް ރަހިމުގައި ތަތްލަވާފައި ވުން، ބައެއްފަހަރަށް މިސެލްތައް ތައްލަވާފައި ހުންނަ ތަނުގައި ކުޑަ ގޮތްތަކެއްގެ ސިފައިގަ ވެސް ފެނުން، މަސާނާގެ ފަށަލަ ބޯވެފައިވުން، އެހެންމެ ގޮހޮރުގެ ފަށަލަ ބޯވެފައިވުން ފަދަ ކަންކަމެވެ.
– މަތީގައި ދެންނެވުނު އަލްޓްރާސައުންޑުން ފެންނަ ކަންކަން ފަސޭހަކަމާއެކު ބަލާލެވެއެވެ. އަދި ޕެލްވިކް (ޅިނދުކަށިގަނޑުން) ތިރީގައިވާ ސަރަހައްދު ވަރަށް ތަފްސީލުކޮށް ބަލާލެވެއެވެ.
އެންޑޮމެޓްރިއޯސިސް އަށް ދެވޭނީ ކޮންފަރުވާއެއް؟
ފަރުވާ ބެހިގެންވަނީ ތިންބަޔަކަށެވެ.
1- ދެވޭ ބޭސް – ހޯމޯން ފަރުވާ ( ދޭތެރެދުރުކުރާ ބޭސް، ޑެނަޒޯލް، ގޮނާޑޮޓްރޯޕިން އެގޮނިސް/އެންޓަގޮނިސްޓް ފަދަ) އަދި ތަދުކަނޑުވާ ބޭސް.
2-ކުދިކުދި ޕްރޮސީޖަރ-
ހ. ލެޕަރަސްކޮޕީގެ އެހީގައި އޯވަރީގެ ސިސްޓް ނެގުން، މިހިސާބުގައި އަށަގަތުމުގެ ސަބަބުން އުފެދިފައިވާ ގޮއްތައް ނައްތާލުން، ކުރަލާ ތަތްލާފަހުންނަ ތަންތަން ވަކިކޮއްލުން.
ށ. ފާރޓަލިޓީ ފަރުވާ ދިނުން: މިއީ ދަރިމައިނުވުމުގެ މައްސަލަތައް ދިމާވާ ފަރާތްތަކަށް
4- އަދި މިކަންކަމުން ރަންގަޅުނުވަނީނަމަ ކުރެވޭ އޮޕަރޭޝަން- ރަހިމު އަދި އޯވަރީ ނެގުން، ގޮހޮރުގެ އޮޕަރޭޝަން ހަދަން ޖެހޭހާލަތުގައި ކުރުން
އިސްވެބަޔާން ކުރިގޮތަށް ހުރިހާ އަލާމާތެއް އަދި މިހާލަތު ދިގުލައިގެން ދިއުމުން ދެން ދިމާވާ ކަންކަން (ގޮހޮރު ބެދުން، މަސާނާގެ މައްސަލަތައް، ކިޑްނީ އިން މަސާނާއަށް އަންނަ ހޮޅިބެދުން ފަދަ) މިއީ ދޭދޭ ފަރުދެއްގެ ދެމެދުގާ ފަރަގުވާ ކަންކަމަށް ވާތީ ޑޮކްޓަރުގެ (އަންހެނުންގެ ޑޮކްޓަރުން) އިރުޝާދުގެ ދަށުން އެ ބަލިމީހާގެ ހާލަތައް ރިޔާއެއްކޮށް ފަރުވާ ބައްޓަންކުރެވެއެވެ.