English Edition
Dhivehi Edition

ޑރ މުފްލިޙާ އާއި އެކު ސުވާލެއް، މި ސެގްމެންޓްގެ 9 ވަނަ ބައި ހާއްސަ މިކޮށްލަނީ ދިވެހިރާއްޖޭގައި ހެދޭ ސްކޭންތަކުން ގިނައިން ފެންނަ ހާލަތެއް ކަމުގައި ވާ “ސިސްޓް” ގެ މައްޗަށެވެ.

ޑރ މުފްލިޙާ އަކީ ރެޑިއޮލޮޖީގެ ރޮނގުން ހާއްސަ ވެފައިވާ ޑޮކްޓަރެކެވެ. ރެޑިއޮލޮޖިސްޓުންނަކީ އިމޭޖިން (އެކްސްރޭ، އެމް.އާރ.އައި، ސީ.ޓީ ކަހަލަ ވަސީލަތްތައް) ބޭނުންކޮށްގެން ބަލި ދެނެގަންނަ ޑޮކްޓަރުންނެވެ. ޑރ މުފްލިޙާ ގަބޫލުކުރައްވަވާ ގޮތުގައި ބަލި މީހާ އަށް ތަފްސީލްކޮށް އޭނާ އަށް ދިމާވެފައިވާ ހާލަތު ބަޔާންކޮށް ދިނުމަކީ ވަރަށް މުހިންމުކަމެވެ. ވުމާއެކު ސިލްސިލާކޮށް ގެނެސްދޭ މި ސެގްމެންޓްގައި ގެނެސް ދެވޭނީ ދިވެހިރާއްޖެއިން އާންމުކޮށް ފެންނަބައެއް ބަލިތަކާއި އިމޭޖިން ބޭނުންކޮށްގެން ކުރެވޭ ތަހުލީލްތަކުގެ މައްޗަށް ބިނާކުރެވިގެންނެވެ.

ވާ ސިސްޓަކީ ކޮންމެގުނަވަނެއްގައި ވެސް އުފެދިދާނެ އެއްޗެކެވެ. ގިނައިން ފެންނަ ތަންތަނުގެ ތެރޭގައި އޯވަރީ، ކިޑްނީ، އުރަމަތި، ތައިރޮއިޑް، ހަތެރެސްފައި އަދި ފުރަމޭ ހިމެނެއެވެ. ފާހަގަކޮށްލަންވީ މުހިންމު ކަމަކީ ސިސްޓު ނޫނީ ދިވެހިން މިއަށް ކިޔާ އުޅޭ ” ފެންބޮކި” އަކީ އާންމު ގޮތެއްގައި ” ބިނައިން ” ނުވަތަ ގަޔަށް ފެތުރޭ ގޮތް ނުހުންނަ (ކެންސަރު ނޫން) ސިފަ އެކުލެވިގެންވާ އެއްޗެކެވެ. މިހަފުތާގައި ކުޑަކޮށް ހަނިކޮށްލާ މި ބަލާލަނީ “ގެންގްލިއޮން” ނަމަކަށް ކިޔޭ އާންމުކޮށް ހަތަރެސްފައިގާ ފެންނަ ސިސްޓަކަށެވެ.

ގެންގްލިއޮން ސިސްޓަކީ ކޮބާ؟

މިއީ ހުޅުތަކުގެ ވަށައިގެންވާ ޓިޝޫތައް ކަމަށްވާ ޓެންޑަން (ކައްޓާމަސްގަނޑާއި ގުޅުވައިދޭ)، ލިގަމެންޓު (ކައިރީގައިވާ ދެކަށިގަނޑު ގުޅުވައިދޭ)، ނޫނީ ހުޅުގެ ވަށައިގެން ލެވިފައިވާ މަޑުޓިޝޫއެއް ކަމަށްވާ “ސައިނޯވިއަމް” އިން އުފެދޭ ސިސްޓެކެވެ. އާންމުގޮތެއްގައި ފެންނަނީ އަތުގެ ކުޑަހުޅުކައިރީގަ އެވެ.

މި އުފެދެންދިމާވަނީ ކީއްވެ؟

މައިގަނޑު ސަބަބެއް އަދި ހޯދިފައި ނުވާހިނދު ދިރާސާތަކުން ދައްކާ ގޮތުން ފާހަގަ ކުރެވޭ ބައެއް ސަބަބުތައް ބަޔާންކޮށްލާނަމެވެ.

* ކުރިން ދެންނެވި ޓިޝޫތަކަށް ދިގުމުއްދަތެއްގެ ތެރޭގައި ލިބޭ ކުދި ކުދި ހާނިއްކަތަކުގެ ސަބަބުން އޭގައިވާ ހައްސާ ސެލްތަކަކުން މިއުސިން ނަމަކަށް ކިޔާ ޖެލީއެއް އުފައްދާންފަށާ ފެންބޮއްކެއްގެ ސިފަޔަށް ޖަމާވާން ފަށައެވެ. މިސާލަކަށް ޖިމްނާސްޓިކް ހަރަކާތްތަކުގައި އަތުގެ ކުޑަހުޅުން ގިނައި ބޭނުން ކުރުމާއި އެކު އަރާ ލޮޅުން ތަކުގެ ސަބަބުން މިފަރާތްތަކުގެ މެދުގައި ގެންގްލިއޮން ސިސްޓު އުފެދުން ގިނަކަމަށް ދިރާސާތަކުންދައްކައެވެ.

* އުމުރުން ދުވަސް ވުމާއިއެކު ކައްޓާ ހުޅުތަކަށް އަންނަ ބަދަލުތަކުގެ ތެރޭހިމެނޭ “އޮސްޓިއޮއާތްރައިޓިސް” ހުންނަ މީހުންގެ ތެރޭގައި މިހާލަތު ފެނުން ގާތެވެ.

* ދިރާސާތަކުގެ އަލީގައި ގިނައިން 15 އަހަރާއި 40 އަހަރުގެ އުމުރުފުރައިގައި މި ހަލާތު ފެންނަލޭ ގިނަކަން ފާހަދަކުރެވިފައި ވެއެވެ.

* ފިރިހެނުންނަށް ވުރެން އަންހެނުންގެ މެދުގައި ގިނަކަން ވެސް ފާހަގަކުރެވެއެވެ.

 

ފެންނާނެ އަލާތްމާތްތަކަކީ ކޮބާ؟

ފެނިދާނެ އަލާމަތްތައް ބިނާވެގެން ދަނީ އެސިސްޓެއް އުފެދިފައިވާ ތަނެއްގެ މައްޗަށެވެ. މިގޮތުން ފެނިދާނެ އަލާމާތްތަކަކީ:

– ވަކިވަރަކަށް ބޮޑުވުމުން ދުޅައެއްގެ ގޮތަށް ފެންނަން ހުރުމެވެ.

– އަތުގެ ކުޑަހުޅުގެ މަތީ ފަޅީގައި(%60-70) ހުންނަ ސިސްޓު ވަކިވަރަކަށް ބޮޑުވެއްޖެނަމަ ކާރީގައި ހުންނަ އެހެން ޓިޝޫ ތަކުގެ ހަރަކާތަށް ބުރޫއެރުވުމުގެ ސަބަބުން ކުޑަހުޅުގެ ހަރަކާތް އެންމެ އެކެށީގެންވާ ގޮތަށް ނުގެނެވެއެވެ. ތަދުއިހުސާސްވާންފަށައެވެ. އަތުގެ ވަރުދޫވާ ކަމުގެ އިހުސާސް ވެއެވެ.

– އަދި ހުޅުގެ ވަށައިގެން ވާ ނާރުތައް ފިތޭގޮތް ވެއްޖެނަމަ އައްސިވުމާއި ވަރުދޫވުން ފެނިގެންދެއެވެ.

ގެންގްލިއޮން ސިސްޓު ހުރިކަން ދެނެގަންނާނީ ކިހިނެއް؟

  1. އަތްލާ ބެލުމުން މަޑުކޮށް އަދި ފަރާތްފަރާތައް ޖައްސާލެވޭ ދުޅައެއްތޯ ޑަކްޓަރު ބައްލަވައެވެ.
  2. އަލްޓްރާ ސައުންޑް ސްކޭންގެ ޒަރިއްޔާއިން:

– މިއީ އެކްސްރޭ ރޭޑިއޭޝަންގެ ނުރަގަނޅު ދޯދީގެ އަސަރުނުލިބޭ ފަސޭހަކަމާއިއެކު ސިސްޓު އުފެދިފައި ހުންނަ ތަން ،ސިސްޓުގެ މޫ ހުރިދިމާ، ކުރީގައި ބަޔާންކުރި ޓިޝޫތަކުން ކޮން ޓިޝޫއަކުން އުފެދިވައިވާ ސިސްޓެއް ތޯ ބެލުމާއި އެކު އެކީ ނާރު ފިތިފައިހުރޭތޯ، އަދިއެހެންމެ ކޮމްޕްލިކޭޝަން (އިންފެކްޝަން، ފަޅައިގެން ގޮސްސަތޯ) ބަލާލެވޭ ވަސީލަތެކެވެ. ކުރިންދެންނެވި އޮސްޓިއޯއާތްރައިޓިސް ހުރިތޯ ވެސް ދެނެގަނެވެއެވެ.

  1. އެމް.އާރ. އައި:

– އެކްސްރޭ ރޭޑިއޭޝަންގެ ނުރަގަނޅު ދޯދީގެ އަސަރުނުލިބޭ މެގްނެޓިކް ވޭވްސްގެ ބޭނުން ކުރެވިގެން ހެދޭ މިވަސީލަތަކީ، އަލްޓްރަސައުންޑުން ވެސް ފެންނަ ކަންކަމުގެ އިތުރުން އެއްވެސް ނުރަންގަޅު ސިފައެއް ހުރިނަމަ އިތުރަށް ދެނެގަތުމަށް ބޭނުން ކުރެވޭ ވަސީ ލަތެކެވެ.

ގެންގްލިއޮން ސިސްޓަށް ދެވެނީ ކޮންފަރުވާއެއް؟

ފަރުވާ ބެހިގެންވަނީ ތިން ބަޔަކަށެވެ.

1- ދެވޭ ބޭސް – އާންމު ގޮތެއްގައި ފެންނަން ހުންނަދުޅަ ދިގުމުއްދަތަކަށް ހުރުމަށް ފަހު އެއްވެސް ކޮމްޕިލިކޭޝަނެއް ނާންނަނީ ނަމަ އަމިއްލައަށް ނެތިދެއެވެ. ނަމަވެސް ބޮޑުވެ ތަދުވަނީނަމަ މިއީ ކޮންޕްލިކޭޝަން ވީ ކަމުގެ އަލާމާތެކެވެ. ވީމާ ތަދުކުޑަކުރުމަށް ބޭސް ދެވިގެން ދެއެވެ.

2- ކުޑަ ކުޑަ ޕްރޮސީޖޭ އެއްކަމަށްވާ “އެސްޕިރޭޝަން” ، މިއީ އައްސިކުރުމަށް ފަހު ސިރިންޖެގެ އެހީ ގައި ސިސްޓުގައި ވާ ދިޔަ ނެރިލުމެވެ. މި ޕްރޮސީޖަރުގެ ފަހުން ވަކި މުއްދަތެއްގެ ތެރޭގައި އަލުން އަނބުރާ ސިސްޓު އުފެދުމަކީ ދުރުކަމެއް(%60) ނޫނެވެ. އެއީ ސިސްޓުގެ މޫ އަދި ބޭރުތޮށިގަނޑު ބާކީ އެތަނުގައި ވާނެތީވެއެވެ.

4- އަދި މިކަންކަމުން ރަންގަޅުނުވަނީނަމަ އޮޕަރޭޝަންކޮށް މުލާއެކު ސިސްޓުނަގާލެވެއެވެ. އާންމުގޮތަކަށް އޮޕަރޭޝަން ކުރުމަށް ލަފާ ދެވެނީ އައްސިވެ ވަރުދޫވާ ފަރާތަކާއި އަދި ކުރިން ދެންނެވި ސިސްޓުގެ ދިޔަނެރެލީ މަވެސް އަލުން އަނބުރާ އުފެދޭ ފަރާތްތަކަށެވެ.

އިސްވެބަޔާން ކުރިގޮތަށް ހުރިހާ އަލާމާތެއް އަދި މިހާލަތު ދިގުލައިގެން ދިއުމުން ދެން ދިމާވާ ކަންކަން (ނާރުފިތުން ފަދަ) މިއީ ދޭދޭ ފަރުދެއްގެ ދެމެދުގާ ފަރަގުވާ ކަންކަމަށް ވާތީ ޑޮކްޓަރުގެ (ކަށީގެ ޑަކްޓަރުން-އޯތޯޕީޑިޝަން، އޮޕަރޭޝަން ޑަކްޓަރުން) އިރުޝާދުގެ ދަށުން އެ ބަލިމީހާގެ ހާލަތައް ރިޔާއެއްކޮށް ފަރުވާ ބައްޓަންކުރެވެއެވެ. ގެންގްލިއޮން ސިސްޓެއްގައި ކެންސަރުގެ އަލާމާތެއް ފެނުމަކީ ވަރަށް ނާދިރުކަމެކެވެ.

ފާހަގަކޮށް ލަންވީ މުހިއްމު ކަމަކީ ސިސްޓަކީ ކޮންމެ ތަނެއްގައި އުފެދުނަސް އޭގެ ޒާތުގައު “ބިނައިން” ނޫނީ ގަޔަށް ފެތުރިގެން ނުދާވައްތަރުގެ ޓިއުމަރެކެވެ. ކެންސަރުފަދައިން ގައިގެ އެހެންތަންތަނަށް ފެތުރިގެންދާ ވައްތަރު އެއްޗެއްނޫންކަމެވެ. ނަމަވެސް މަދުހާލަތެއްގައި ވަކި ގުނަވަނެއްގެއި އުފެދޭ ސިސްޓު (މިސާލަކަށް އޯވަރީ) ގައި ، ނުރަގަޅު ސިފަތަކެއް ހުރުން އެކަށީގެންވެއެވެ. އެހެން ވެއްޖެނަމަ ސްކޭނުން ނާއި އަދި އެހެންމެ ލޭގެ ޒަރިއްޔާ އިން މިކަން ދެނެގަނެވެއެވެ. ފޮލޯއަޕް ނޫނީ ސިސްޓަށް އަންނަ ބަދަލު ބެލުމަށް ސްކޭން ހެދުމަށް އެނބުރި އަންނަ އިރު ކުރީގެ ސްކޭން އަޅާކިއުމަށް ގެނައުމަކީ ވަރަށް މުހިންމު ކަމެކެވެ.