ޑރ މުފްލިޙާ އާއި އެކު ސުވާލެއް، މި ސެގްމެންޓްގެ 11 ވަނަ ބައި ހާއްސަ ކޮށްލަނީ މާބަނޑު އަންހެނުންގެ ބަނޑުގައި ހެދިބޮޑުވަމުން އަންނަ ކުއްޖާގެ ކުޑަކަމުދާ ނިޒާމުގެ މަދުން ނޫންގޮތަކަށް ފެންނަ، އަދި ގިނަފަހަރަށް އަމިއްލަ އަށް ރަނގަޅު ވާ ހާލަތެއް ކަމުގައި ވާ “ހައިޑްރޮނެފްރޯސިސް” އަށެވެ.
ޑރ މުފްލިޙާ އަކީ ރެޑިއޮލޮޖީގެ ރޮނގުން ހާއްސަ ވެފައިވާ ޑޮކްޓަރެކެވެ. ރެޑިއޮލޮޖިސްޓުންނަކީ އިމޭޖިން (އެކްސްރޭ، އެމް.އާރ.އައި، ސީ.ޓީ ކަހަލަ ވަސީލަތްތައް) ބޭނުންކޮށްގެން ބަލި ދެނެގަންނަ ޑޮކްޓަރުންނެވެ. ޑރ މުފްލިޙާ ގަބޫލުކުރައްވަވާ ގޮތުގައި ބަލި މީހާ އަށް ތަފްސީލްކޮށް އޭނާ އަށް ދިމާވެފައިވާ ހާލަތު ބަޔާންކޮށް ދިނުމަކީ ވަރަށް މުހިންމުކަމެވެ. ވުމާއެކު ސިލްސިލާކޮށް ގެނެސްދޭ މި ސެގްމެންޓްގައި ގެނެސް ދެވޭނީ ދިވެހިރާއްޖެއިން އާންމުކޮށް ފެންނަބައެއް ބަލިތަކާއި އިމޭޖިން ބޭނުންކޮށްގެން ކުރެވޭ ތަހުލީލްތަކުގެ މައްޗަށް ބިނާކުރެވިގެންނެވެ.
ހައިޑްރޯ ނެފްރޯސިސްއަކީ ކޮބާ؟
ހައިޑްރޯނެފްރޯސިސް އަކީ ކިޑްނީ ނުވަތަ ދިވެހިން ކިޔާގޮތުންނަމަ “ގުރުދާ” ދުޅަވެފައި ހުރުމެވެ. މޮލެކިއުލާ ލެވެލައަކުން ފެށިގެން ބަލާލަނީ ނަމަ ކުޑަކަމުދާ ތަކެތި ދައުރުކުރާ ކިޑްނީގެ ތެރޭގައި ވާ ހޮޅިތައް (ކަލެކްޓިން ޑަކްޓްސް އެހެންމެ ކެލިކްސް) އަދި ވަގުތުކޮޅަކަށް ޖަމާވާ މައި ހޮޅި (ރީނަލް ޕެލްވިސް) ދުޅަވުމަށް ކިޔޭ ހާލަތެކެވެ. އަދި ގުރުދާއިން މަސާނާއަށް ކުޑަކަމުދާތަކެތި ގެންގޮސްދޭ ޔުރެޓަރ ނުވަތަ “ގުރުތާ” ދުޅަވެއްޖެނަމަ “ހައިޑްރޯ ޔުރެޓެރޯނެފްރޯސިސް” އޭ ކިޔެއެވެ.
މިހާލަތު ދިމާވާ ސަބަބު ތަކަކީ ކޮބާ؟
ގުރުދާއިން ކުޑަކަމުދާ ތަކެތި ދައުރުކުރާ ރާސްތާ (ގުރުތާ އަދި މަސާނާއިން ބޭރަށްދާ ކުޑަކަމުދާ ހޮޅި) ބެދުމުން ނޫނީ މަސާނާއިން ކުޑަކަމުދާ ތަކެތި އަނބުރާ މައްޗަށް ދިއުން (މިއަށް “ރިފްލަކްސް” ވުން ކިޔޭ) ހިމެނެއެވެ. ހަމަ އެހެންމެ ވަކިސަބަބެއް ނުހޯދޭ ފަހަރުވެސް އާދެއެވެ. މި ހާލަތުގައި ގިނަފަހަރަށް ކުއްޖާ ވިހެއުމަށްފަހު ކުއްޖާ ބޮޑުވެގެން އަންނައިރު އަމިއްލައަށް ރަނގަޅުވެގެން ދާތަން ފެނެއެވެ.
ރާސްތާ ބެދެން ދިމާވާ ހާލަތްތައް:
* ” ޕީ.ޔޫ.ޖޭ” އޮބްސްޓްރަކްޝަން : މިއީ ގުރުތާ ނޫނީ ޔުރެޓަރ ފެށޭ ހިސާބުން ބެދުމަށްކިޔޭ ނަމެކެވެ. މިކަން ދިމާވެދާނެ ސަބަބުތަކުގެ ތެރޭގައި ގުރުތާ އުފެދުމުގައި ހުންނަ އައިބެއްގެ ސަބަބުން ހިމެނެއެވެ.
* ” ވީ.ޔޫ.ޖޭ އޮބްސްޓަރަކްޝަން: މިއީ ގުރުދާ އާއި މަސާނާ ޔާ ގުޅޭ ހިސާބުން ބެދުމަށް ކިޔޭ ނަމެކެވެ.
* “ޕޮސްޓޭރިއޯ ޔުރެތްރަލް ވެލްވް “: މިއީ ކުޑަކަމުދާ ހޮޅީގެ ތެރޭގައި ފަށަލައެއް އިނުމުގެ ސަބަބުން ހޮޅި ތެރޭއިން ކުޑަކަމުދާ ތަކެތި ދައުރުކުރުމަށް ހުރަސް އެޅުމެވެ. މިހާލަތު ފެންނަނީ ފިރިހެން ކުދިން މެދުގައެވެ. މިއީ ދިވެހިރާއްޖޭގައި ވެސް މަދުން ނޫން ގޮތަކަށް ފެންނަ ހާލަތެކެވެ. ފިރިހެން ކުއްޖެއްނަމަ މިކަމަށް ވަރަށް ފަރުވާތެރިކަމާއެކު މާބާނޑުދުވަސް ވަރު ހެދޭ “އެނޮމަލީ”(20-24 ހަފުތާ ދެމެދު ނޫނީ ފަސްމަހުގެ ސްކޭން) އަދި އޭގެ ފަހުން ހެދޭ “ގްރޯތް ސްކޭން” ( މިއީ އަށްމަހުގެ ނޫނީ 33-35 ހަފުތާއާއި ދެމެދު ހެދޭ ސްކޭން) ގައި ބެލިގެން ދާނެއެވެ.
ފެންނާނެ އަލާތްމާތްތަކަކީ ކޮބާ؟
އާންމު ގޮތެއްގައި ދުޅަ ކުޑަކޮށް ހުންނައިރު އެއްވެސް އަލާމަތެއް ނުފެނެއެވެ. ނަމަވެސް ކުއްޖާ ވިހެއުމަށް ފަހު ބޮޑުވެގެން އަންނަ އިރު ފެނިދާނެ ބައެއް އަލާމާތްތަކަކީ:
– ކުޑަކަމުދާ އިރު ތަދުވުން
– ހުންއައުން
– ކުޑަކަމުދާ ތަކެތީގެ ކުލަ ބަދަލުވުން
– ހޮޑުލެވުން
ހައިޑްރޯނެފްރޯސިސް ދެނެގަންނާނީ ކިހިނެއް؟
– މާބަނޑު ދުވަސްވަރު 5 މަހުގައި ހެދޭ “އެނޮމަލީ” ސްކޭން އަދި އޭގެފަހުގެ ސްކޭން ތަކުގައި ކުރިން ދެންނެވި ގޮތަށް ގުރުދާ އަދި ކުޑަ ކަމުދާ ރާސްތާ ދުޅަވެފައި ހުރިނަމަ ބަލާލެވެއެވެ.
– ހައިޑްރޯނެފްރޯސިސް ބޮޑު ކަމުގައި ވެފައި އަދި ދެކިޑްނީގައި ވަނީ ނަމަ ކުއްޖާ އޮންނަ ފެންދުލީގައި ފެންމަދުވާ ތަން އާދެއެވެ.
– ވިހެއުމަށް ފަހު ކުއްޖާގެ ހެދޭ ބަނޑުގެ ސްކޭން ގައި ކުރީ ގައި ދެންނެވި ގޮތަށް ގުރުދާ އަދި ކުޑަކަމުދާ ރާސްތާގައި ދުޅަހުރިވަރު ބަލާލެވެއެވެ. އަދި އެހެންމެ ކުޑަނަމަ އޮންނަ އުސޫލެއްގެ ދަށުން ފޮލޯއަޕް (ކަނޑައެޅޭ މުއްދަތަކުން، މިސާލަކަށް ކޮންމެ 6 މަހަކުން ބެލުން) ހެދުމަށް ލަފާދެވެއެވެ.
– ކުރިން ބަޔާން ކުރިގޮތަށް ގިނަފަހަރަށް ދުޅަވެފައި ހުރީ ކީއްވެކަން ނުހޯދި އަމިއްލައަށް ރަގަޅުވާތަން ފެނެއެވެ.
– ޕެލްވިކް (ޅިނދުކަށިގަނޑުން) ތިރީގައިވާ ސަރަހައްދު ވަރަށް ތަފްސީލުކޮށް ބަލާލެވެއެވެ. މިގޮތުން “ރިފްލެކްސް” ހުރިތޯ، ” ޕޮސްޓޭރިއޯ ޔުރެތްރަލް ވެލްވް” ހުރިކަމުގެ ސިފަތައް، ގުރުދާ މަސާނާ އާއި ގުޅޭހިސާބުގެ ބެދުމެއްވޭތޯ އަދި ކުޑަކަމުދާ އެއްޗެތި އެއްކޮށް ހުސްކޮށް ލެވޭތޯ ބަލާލެވެއެވެ.
ޑީ.އެމް.އެސް.އޭ ސްކޭން: މިއީ ރޭޑިއޯ އެކްޓިވް ނިއުކްލިއަޓައިޑް ބޭނުން ކޮށް ގެން ހެދޭ ސްކޭން އެކެވެ. އައި.ވީ އެއް ގޮތަށް ދިނުމަށް ފަހު ކަމަށް ހާއްސަ ކުރެވިފައިވާ މެށިނަކުން ސްކޭން ހެދިގެން ދެއެވެ. މި ތަހުލީލުން ކިޑްނީގެ މަސައްކަތަށް ބުރޫއަރާފައިވޭތޯ ބެލުމާ އެކު އެކީ ކުޑަކަމުދާ ތަކެތި ދައުރުކުރާ ރާސްތާގަ ހުރަސް ހުރިނަމަ އެނގިގެންދާނެއެވެ.
ހައިޑްރޯނެފްރޯސިސްއަށް ދެވޭނީ ކޮންފަރުވާއެއް؟
ފަރުވާ ބެހިގެންވަނީ ދެބަޔަކަށެވެ.
1- ދެވޭ ބޭސް – އިންފެކްޝަނެއްގެ އަސަރުހުރިނަމަ އެންޓިބައޮޓިކް ފަދަ ބޭސް ޓެސްޓާ އަޅާ ކިޔުމަށް ފަހު ދެވެއެވެ.
2-ކުރެވޭ ސާޖަރީ:
ހ. “ޕޮސްޓޭރިއޯ ޔުރެތްރަލް ވެލްވް “: މިހާލަތުގައި ވިހެއުމާ އެކީ އޮޕެރޭޝަން ކުރެވެއެވެ. ކުޑަކަމުދާ ނިޒާމުގެ ހުރަސް ނައްތާލެވެއެވެ. މިގޮތަށް އޮޕެރޭޝަން ނުކުރެވޭ ހާލަތުގައި ދައްބަނޑުގައި އެޅޭ ލޯވަޅަކުން (ވެސިކޮސްޓޮމީ) ކުޑަކަމުދާ ތަކެތި މަސާނާއިން ބޭރުކުރެވެއެވެ. އަދި ފަހުގެ ތާރީހެއްގައި ކުރިން ބަޔާން ކުރެވުނު ގޮތަށް ކުޑަ ކަމުދާ ހޮޅީގެ ހުރަސް ނައްތާ ލެވެއެވެ.
ށ. ” ޕީ.ޔޫ.ޖޭ” އަދި “ވީ.ޔޫ.ޖޭ” އޮބްސްޓްރަކްޝަން ގައި “ޕަޔެލޮޕްލާސްޓީ” ކިޔާ އޮޕަރޭޝަނެއް ކުރެވެއެވެ. މިއޮޕަރޭޝަނުގައި ބެދިފައިވާ ހޮޅީގެ ބައި ކަފާލާ ރަގަޅުބަޔާ ގުޅުވައި ލެވެއެވެ.
އިސްވެބަޔާން ކުރިގޮތަށް ހުރިހާ އަލާމާތެއް އަދި މިހާލަތު ދިގުލައިގެން ދިއުމުން ދެން ދިމާވާ ކަންކަން (ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަން ، ގުރުދާގެ އަދި މަސާނާގެ މައްސަލަތައް، ) މިއީ ދޭދޭ ފަރުދެއްގެ ދެމެދުގާ ފަރަގުވާ ކަންކަމަށް ވާތީ ޑޮކްޓަރުގެ ( ކުޑަކުދިންގެ ޑޮކްޓަރ، ކުޑަކުދިން ގެ ކިޑްނީއަށް ހާއްސަ ޑޮކްޓަރުން) އިރުޝާދުގެ ދަށުން އެ ބަލިމީހާގެ ހާލަތައް ރިޔާއެއްކޮށް ފަރުވާ ބައްޓަންކުރެވެއެވެ.
ފާހަގަކުރަން ވީ މުހިންމުކަމަކީ އާންމުކޮށް މިހާލާތު ދިމާވި ވަކި ސަބަބެއް، ކުރިން ދެންނެވި ގޮތަށް ތަހުލީލުތަކުން ނޭނގޭ ހާލަތުގައި ކުއްޖާ ބޮޑުވެގެން އަންނައިރު އަމިއްލައަށް ރަނގަޅުވާކަން ދިރާސާތަކުން ދައްކައެވެ.