މި ސަރުކާރުން ދަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒުއަށް ވަރަށް ވިޔާނުދާ ބަސްތަކުން އެއްޗިހި ކިޔަމުންކަމަށާއި އެހެންނަމަވެސް މުއިއްޒު އެތަނުން އެއްވެސް ބޭފުޅަކަށް ރައްދު ނުދެއްވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓްރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރޭ ލ. ފޮނަދޫގައި ކުރިއަށް ދިޔަ ޖަލްސާގައި ޝަހީމް ވިދާޅުވީ “އުފާވެރި މާލެ” ނަމުގައި މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވި އެޕާޓީގެ އިންތިހާބީ އޭޖެންޓު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ވާހަކަ ފެށީވެސް މުއިއްޒުއަށް އެއްޗިހި ކިޔަމުންކަމަށެވެ.
ސަރުކާރުން ދަނީ އެޕާޓީގެ ކެނޑިޑޭޓް ޑރ. މުއިއްޒުއަށް ވަރަށް ވިޔާނުދާ ބަސްތަކުން އެއްޗިހި ކިޔަމުންކަން ފާހަގަކޮށް ޝަހީމް ވިދާޅުވީ ރޭ އެމްޑީޕީ ގެ ޖަލްސާގައި ވާހަކަ ދެއްކި ހުރިހާ ބޭފުޅުންވެސް އެމަނިކުފާނަށް އެއްޗިހި ކިޔުއްވަމުން ގެންދެވި ކަމަށެވެ.
މުއިއްޒު އަށް އެންމެ ގިނައިން އެއްޗިހި ކިޔުއްވަނީ މާރިޔާކަމަށް ޝަހީމް ވިދާޅުވިއެވެ. އެހެންނަމަވެސް އެއިން އެއްވެސް ބޭފުޅަކަށް މުއިއްޒު ރައްދު ނުދެއްވާ ކަމަށާ އެމަނިކުފާނަކީ ހިލްމުވެރި ބޭފުޅެއްކަމަށާ މިއީ ވެރިކަމަށް ގެންނަ ބޭފުޅެއްގެ ގައިގައި ހުންނަޖެހޭނެ ސިފައެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.